ރާއްޖޭގެ ތަރައްގީއަށް ހުރަސްއަޅާ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮވެ މާލޭގެ ރައްޔިތުންނަށް މާލޭގެ ގޮޑިތަކުގައި ތިިބި އެމްޑީޕީގެ މެންބަރުންނަށް ގެދޮރުވެރިކަމުގެ މައްސަލަ ހައްލެއް ނުކޮށްދެވުނު ކަމަށެވެ. އެކަން ހައްލުކުރަން އުޅުނީ ދައުރު ނިމެން ދެތިން ދުވަހަކަށް ވުމުން ކަމަށް ވިދާޅުވިއެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރިއިރުގައި ވައުދުވި މާލޭގެ ރައްޔިތުންނަށް ގޯތި ދީ ނިންމާނަމޭ. އެކަން ނުވެގެން އުޅެނިކޮށް މި އައީ 2019 ވަނަ އަހަރު މަޖިލީހުގެ އިންތިހާބު. އެ ބޭފުޅުން ވައުދުވީ މަޖިލީހުގެ އިންތިހާބު ނިމުނީމައޭ އެކަން ވާނީ. ނަމަވެސް އެކަމެއް ނުވި. އެކަން ކޮށްނުދެއްވުމުން ދެން މާލޭގެ ރައްޔިތުންގެ އިތުބާރާއި އުންމީދު ގެއްލުނީމަ ރައްޔިތުން އެހެން ގޮތެއް ހިޔާރުކުރަން ނިންމީ."ރައީސް ވިދާޅުވިއެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވެމުން މާލޭގެ ރައްޔިތުންގެ ތެރެއިން އެމްޑީޕީގެ ގިނަ ބަޔަކު ނިންމީ ސަރުކާރަށް މޭޔަރުކަން ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. މޭޔަރަކަށް ހޮވި ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވުމުން ސަރުކާރުން އެކަމަށް އެއްބާރުލުމެއް ނުދެއްވި ކަމަށް ވިދާޅުވިއެވެ.

"ގުޅީފަޅު ހިއްކަމުން ދިޔައީ. އަޅުގަނޑު ދެންނެވިން އެތަނުގައި ޕޯޓް އަޅާނެ ކަމެއް ނެތޭ ބޭކާރު ބޮޑު ޖާގައެކޭ ގެއްްލުވާލަނީ. ތިލަފުށްޓަށް ބަދަލުކޮށްދެއްވާށޭ އޭރުން އެ ޖާގަ ކޮޅުވެސް މާލޭގެ ރައްޔިތުންނަށް ލިބޭނޭ. ނަމަވެސް ހަމަ ހިލާ ކައުންސިލަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުން ވަގުތު ބޭކާރު ކޮށްލީ. ހަމަ މި މެޖޯރިޓީ އޭރުގައި ވެސް ތިބެގެން ކަންތައް ކުރީއެހެން. އެހެންކަމުން ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންނީ އެކަން ބަދަލުކުރަން."ރައީސް ވިދާޅުވިއެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މަޖިލީހުގައި ސްޕާ މެޖޯރިޓީ އޮވެ ސަރުކާރު ވެސް އޮވެ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުނުކޮށްދީ ފަހު ވަގުތު ނަމެއްގައި ކަން ކުރާ އުސޫލުން ގޯތިތައް ކަނޑުންނާއި ފަރުން ބަހާ ނިންމާ ފްލެޓްތައް ވެސް އެންމެ ފަހު ވަގުތު އަޅަން ފެށި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރި މީހުން މަޖިލީހުގައި މިހާރު ވެސް ތިބިއިރު އެ މީހުންނަށް އަނެއްކާ ވެސް ކުރިއަށް އޮތް ފަސް އަހަރު ދިނުން ހައްޤުތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގެ ފުރުސަތު އެމަނިކުފާނަށް ދީފައި މަޖިލިސް އިދިކޮޅަށް ދިނުމުން ދެކޮޅެއް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން މާލޭގެ 17 ގޮޑި ޕީއެންސީގެ ކެނޑިޑޭޓުންނަށް ދިނުމަށް ރައީސް އެދިލެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަގުންގެ ރާއްޖެ

    ނެތް ފައިސާ އަށް ގައުމު ބިނާކުރާނަމޭ ކިޔާފަ ދޮގު ވިއްކަނީ.....
    3 ބާރު އޮންނަ ޖެހެނީ ވަކިން ކަމަށް ހުރިހާ އިރެއް ގައިވެސް މިކިޔަނީ
    ސަރުކާރުން ކަމެއް ކުރާނީ ޖަވާބު ދާރީވާން ޖެހޭ މަޖިލީހެއް އޮވެގެން...

  2. ވަގުންގެ ރާއްޖެ

    ދޮގު ހަދާނެކަން ޔަގީން ވާ ބަޔަކު ވެސް މަޖިލީސް އަށް ގެންނާނެ ކަމެއް ނެތް....

  3. ދާންދޫ ރައްޔިތުން

    ވީމާ ހުރިހާ ދިވެހިންގެ ރައީސަކަށް ދރ މުއިއްޒު ނުވޭނޫންތޯ؟ ކީއްކުރަން އެއްޕާޓީއަށްވުރެ ގިނަ ޕާޓީ އުފައްދައިގެން މި އުޅެނީ ސަރުކާރުން އެހުރިހާ ޕާޓީތަކަށް އެއްނިސްބަތަކުން ފައިސާ އިން ބައިއަޅަނީ، ތިހަހެން ބުނީމާ ތިޔަވަނީ ޤާނޫނުތަކާއި ޤާނޫނު އަސާސީ އާއި ޚިލާފު ބުނުމަކަށް މިހާ ހިސާބުން ރައްޔިތުންނަށް އެގި ކަށަވަރުވާ ކަމަކީ މުއިއްޒުގެ ކުރިމަތީގައި އޭނާ ތަބާވާނެ އެއްވެސް ޤާނޫނެއް ނެންކަން، އަދި ނަސްލީ އިމްތިޔާޒު އިންތިހާއެއްކަން، ރައްޔިތުންނަށް ކުރިމަތިވި ހިތާމަޔަކަށް މި ވެރިކަންވާނެކަން. އިންސާފުވެރިކަމެއް ނެންކަން އެންމެންނާއެކު ވެރިކަން ކުރުމުގެ ހުނަރެއް އަމުދުން ނެންކަން ވަރަށް ސާފު ވެއްޖެ. ހޯހޯ ގޮވަނީ ހޯހޯއޭ