ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން އެހީގެ ގޮތުގައި ދިން ފައިސާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމު އަދީލް ޖަލީލް ބޭނުންކުރީ "އަމިއްލަ" ކަންކަމަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެފްއޭއެމްއަށް ފީފާއިން ދޭ ފައިސާ އެފްއޭއެމްގެ ރައީސާއި އެފްއޭއެމްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާ ކަމަށް ޕީޖީ އޮފީހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް މައްސަލަ ތަހުގީގުކުރުމުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ނެރެފައިވެއެވެ.

އެ އަމުރުގެ ދަށުން ފެށި، މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 މިލިއަން ޑޮލަރު ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 191،208،000.00 އެވެ.

ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރުފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމްއިން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެފްއޭއެމްގެ އެކައުންޓުން އެފްއޭއެމްގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި އެ ފައިސާއަކީ ޑޮލަރު ވިއްކައިގެން ލިބުނު ފައިސާ ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށް ކަމަށް ވެސް ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހަރަދުތައް ކުރަމުން ގެންދާކަމާއި، އާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވެއެވެ. އެފަދަ އެއް މުއާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް 31 ޖަނަވަރީ 2024 ދުވަހު ހިޔާނާތުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގެ ތަހުގީގު އަދި ނުނިމެއެވެ. ތަހުގީގު ނިމޭ ވަރަކުން ދައުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ބައްސާމްއަކީ އެމްއެމްޕީއާރސީގެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުހަލާގައެވެ.

އެފްއޭއެމް އަކީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާއެކެވެ. އެފްއޭއެމްގެ މައިގަނޑު މަސައްކަތަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، ހަރަކާތްތައް ހިންގުމެވެ. އެފްއޭއެމްގެ ހުރިހާ ނިންމުންތައް ނިންމައި ހިންގުމާ ހަވާލުވެ ތިބެނީ އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއެވެ.

އެފްއޭއެމް ހިންގަނީ އެފްއޭއެމްއަށް ފީފާ އަދި ބޭރު ގައުމުތަކުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެހީގެ ގޮތުގައި ދޭ ފައިސާއިންނެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގްރާންޓް ފައިސާއާއި، އެފްއޭއެމްގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރީނދޫ ހުން

    މިކަހަލަ މީހުނަށް އަދަބު ނުދެވެނީ ކޮރަޕްޝަން ބޮޑުކަމުން. ޖޭއެސްސީ އަދިވެސް އެއޮތީ ހިސާންމެން އަތުގަ، ޕްރޮސިކިއުޓާ ޖެނެރަލް އަށް އެހެރީ އެމްޑީއެން ގެ މެމްބަރެއް. މިވަރުންވެސް ޖަލައްލައިފިއްޔާ އެމްޑީޕީ ވެރިކަަމެެއް އަންނައިރަށް އަދީބު ދޫކޮށްލިހެން ދޫކޮށްލަފާނެ. ދެން ކޮބާ އިންސާފު؟

    39
    1
  2. ޕާސްޕޯރޓް އަތުލާ

    ފިލައިގެން ދިއުމުގެ ބިރު އޮތްމީހެއް. އިންތިހާ އަށް ދައުލަތުގެ ފައިސާ އަށްޚިޔާނާތް ތެރިވެފަ ފިލައިގެން ދިއުމަކީ އާންމު ކަމަކަށް ވެއްޖެ. ދެން އަންނާނީ އެތަށް ދުވަހެއް ކޮށް އެކަން ކަންބަޔަކު ލައްވާ އޮއްބާލާފަ . މިކަން ކަން ހުއްޓުވާ މިމީހުން ނަށް ހައްގު އަދަބު ލިބެން ޖެހޭ.

    37
    • ސަތަރި

      ވަރަށް ބޮޑު ތެދެއް. ދިވެހި ފުޓުބޯޅައިގެ ދުވަސް ދުއްވާލީ މިކަހަލަ މީހުން. އަދި ތަހުގީގު ކުރާ ވަރަކަށް މިދިޔަ ސަރުކާރުން ބައި އެޅުނު މީހުންވެސް އެނގޭނެ. އެފަދަ ބަޔަކު ނެތްނަމަ 5 އަހަރު މިއީ ނުވާކަމެއް ފަދައިން އޮތީ ކިހިނެތް؟

      25
      1
  3. ކިއުން ތެރިއެއް

    ކިތައް ދިވެހީން ނެއްގެ ހައްގެއް؟ ކިތައް ކުދީންނެއްގެ މުސްތަގްބަލް؟
    ޢަތާ ފައި ކަޑާ ޖަލުގާ ބާއްވާ

    28
  4. އިބުރާ

    ބޮޑު ވަގު ބޭރުން ލިބުނު ހާ ފައިސާ ބަނޑު އަޅާގެން އުދުހުނީ! މަހާ ޗޯރު! ރާއްޖޭގެ ފްޓްބޯޅަ ކުރިއަރުވަން ބޭރުން ލިބުނު ހާ ފައިސާ މި ވަގު ކަލަމިންޖާ ކައި މުދާ ގަނެ ބޭރުގެ ކެސިނޯ ތަކާ ނައިޓް ކްލަބު ތަކާ އެވަރު ނުވެގެން އިންޑިޔާ އިން އާއިލާ އަށް ބޭސް ފަރުވާ ކޮށް ރައްޓެހިންނާ އެކު ބެންކޮކު ގާ ނާޗަރަންގީ ކުޅުނީ! ހާދަ ހިޔަޅޭ ދޯ

    23
    • ރަގަޅު ނަމެއް

      މަހާ ޗޯރު ތީ ރަގަޅު ނަމެއް. މިވަރު ކަމެއް ކޮށްފަ ވެސް އެއްވެސް ލަދެއް ހަޔާތެއް ނެތި ފުއްޕާފަ އެބައުޅެ އެއްނު . ބަލަ ވަކި އާއިލާ އަކަށް ނިސްބަތް ވުމަކީ ހިތުހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ އިންވައްކަން ކުރަން ލިބޭ ހުއްޖަތެއް ނޫނޭ. އަދި އަޅާ ނުލާދޫ ކޮށްލަން ޖެހޭ ސަބަބެއްވެސް ނޫން.އެކަމަކު އަދިވެސް ވީކަމެއް އެބައޮތްތަ. މިސަރުކާރަށް ވެސް މިވީފަސްމަސް ދުވަސް. މިކުރި ކުށުގެ ބޮޑުކަމުން ހުރިހާ ހަރާން މުދާ ދައުލްތަށް ނަގާ އުމުރަށް ޖަލަށް ލާންޖެހޭ މުލު ވަގެއް . މިހެން ނަހަދާ ދުވަހަކު މިކަން ކަން ހުއްޓުވާނީ ކިހިނެތް. އަލަށް ސިޔާސީ ނޫނީ ޒިންމާދާރު މަގާމެއް ލިބޭ ކޮންމެ މީހަކަށް ހީވާނެ ލިބުނު މަގާމަކީ ވައްކަން ކުރަންލިބުނު ރަނުގެ ފުރުސަތެކޭ.

  5. ސަމަރު

    އިސްތިޢުފާވެސް ދިނީކީއް ނޫން!
    ތިޔަގޮލާ ތިޔަ ތަނުން ވަކި ކުރަން އުޅެއުޅެ ސަރުކާރު ތަކަށްވެސް ތިޔަކަން ނުވި! އެތެރެއާއ ބޭރުގެ ހާދަވަރުގަދަ ނެޓްވޯކަކުން ގުޅިފައިއޮތީމާތާ ތިހެންތިކަންވާނީ!
    ފުޓްބޯޅައިގެ ހާލަތުވެސް ދަނީ ގޯހަށް!

  6. ޛައްނި

    މިއޮއްހާ ދުވަހު މި ކަލޭގެއާ އޭނާގެ އަންހެނުން ބޭރު ޤައުމުތަކައް ޓްރިޕް މިއަޅަނީ މި ފައިސާއިން ތާ..ޕިސް ޕިސް ޕިސް

  7. އަލްޖިބްރާ

    މިތިބީ ރަތްލާޖެހި ބޮޑެތި ވަގުން ! މިއާލާތުން ހިފާ ހައްޔަރު ނުކުރެވެނީ ކީއްވެތަ ؟

  8. ރައި

    ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރާ މިކަހަލަ މިހުންނައްއެޅޭނެ ފިޔަވަޅެއް ހަމަނެތީތޯ ގާނޫނުގައިލިޔެފައި ހަމަ އަޖައިބުވެއްޖެ. ރިހާކުރުފުޅިއެއް ނެގިޔަސް ވަގުތުން ޖަލީޖަލައް އެހެންވެގެން އަހާލީ

  9. އަލޮމް މިއާ

    ތިބުނީ ބައްސާމުގެ އަންހެނުން މައުރީން ގެ ވިޔަފާރިތަކަކީ އެފްއޭއެމްއަށް ދިން ފައިސާއިން ފަށާފައިހުރި ވިޔަފާރިތަކެކޭތަ؟
    ތިބުނީ ބޭރު ގައުމުތަކަށް ކުރި ބޮޑެތި ދަތުރު ތަކަކީ ހަމަ އެ ފައިސާއިން ކުރި ދަތުރު ތަކެކޭތަ؟
    ތިބުނީ ގަނެފަހުރި އަގު ބެޑެތި އެއްޗިއްސަކީ ހަމަ އެ ފައިސާއިން ގަނެފައި ހުރި އެއްޗިއްސޭތަ؟
    ކީކޭދޯ ބުނާނީ
    ބައެއްގެ ހައްގަކަށް މި އަރައިގަނެވެނީ ހަމަ އެއްވެސް ޖެހިލުމެއް ބިރެއް ނެތި

  10. ޙެހެހ

    އަވަހަށް ސަރުކާރު ޕާޓީއަށް ސޮއިކުރޭ! ޢޭރުން ތިހުރިހާ އެއްޗެއް މަންސޫހުވެދާނެ ! އެއީ މިޤައުމުގެ ހެބިޓަކީ

    4
    1
  11. Anonymous

    ވަގުތުން ހިފާ ހައްޔަރުކޮށް އަތްކަނޑަން ޖެހޭ. ނޫނީ ވައްކަމެއް ނުހުއްޓުވޭނެ. ނޫނީ މާދަމާ މި ރާއްޖޭގެ މަޤާމުތަކަށް އަރާ މިޒާތުގެ މީހުން ކުރާ ވައްކަން ދާނީ އިތުރުވަމުން.

  12. ހަސަން

    ބައްސާމުގެ ވާހަކަމުޅިން ތަފާތު ބައްސާމް ބުނަނީބައްޕައައް އާދިލްޖަލީލު ކިޔާހާހިނދަކު ހަމަހިލާ އެއްކަމެއްތިމަނނާއައް ނުކުރެވޭނެޔޭ އެއީތެދުވާހަކައެއް ބޭފުޅުންގެ ކަންކަން ހިނގާގޮތީ މީގެކުރީގަ ވެސް ތަފާތުބޮޑުގޮތެއް ބައްސާމު އެބުނަނީ އާދާއިގެ ވާހަކައެއްނޫން ބަލަމާ އެހެންނޫނތޯ

  13. ރާއްޖެތެރެމީހަ

    މި ހުރިހާ އާލާތުން ފައިސާ ބަޑުއަޅައިގެން ހަމަ ހެވިފަ ، ނޫސްތަކުގަ ލިޔެފެ ،، ވަގު ވަގު ،، ވާކަމެއް ހަރާން .. މިއާލާތުން މަގުތަކުގަ ސައިކަލުގަ ބުރުތަޅަމަމުން ކޮފީ ބޮމުން ހުސް ހަނީމޫނުގަ އެކި ތަންތާ .. ކިހާ ބޮޑުބަލާއެއް ! ސަރުކާރުގެ ވަޒީފާ އެއްލިބުމަކީ މިހާރު ވައްކަން ކޮށް ފައިސާ ހޯދުމަށް ލިބޭ ލައިސަންސެއް .. ހުވާ .. މީޤައުމެއްތަ!
    މިހެން ކޮމެންޓް ކުރީމަ ވާނީ އަދަބާ ޚިލާފް ވީ ކަމަށް .. އެކަމަކު މީ ހަޤީޤަތް ..

  14. ހ. ހުސައިން

    ކީއްވެ އަދިވެސް ހައްޔަރު ނުކުރަނީ؟ ނުހައްގުން ހޯދިނަމަ ހޯދި މުދަލެއްނަގައި ލިބުނު ގެއްލުމުގެ ބަދަލުނުހޯދަނީ؟ ބޮޑު އާއިލާއަކަށް ނިސްބަތްވާތީ؟ މަންޑޭައަށް އެކަނި އަދަބު ދޭންޖެހެނީ؟ އިންސާފަކީ ހާދަހާ ތަފާތު އެއްޗެކޭދޯ. ކުރާނެކަމެއްނެތް؟ އިންސާފު ގާއިމު ކުރެވޭނީ އިންސާފު ގާއިމުކުރުމުގެ ރޫހު ގައުމުގެ ވެރީންގެ ކިބައިގަ ހުރެގެން.