ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އިދިކޮޅަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ސަރުކާރަށް އެއްބާރުލުމެއް ނުދޭނެ ކަމަށާއި، ދައްކާނީ ބަޣާވާތްކޮށް ސަރުކާރު ބަދަލު ކުރާ ވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު އެމްޑީޕީ މެޖޯރިޓި އޮތް މަޖިލީހުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އަދި އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ސަރުކާރަށް އެއްބާރުލުން ނުދީ، ދައްކަމުންދާނީ ބަޣާވާތްކޮށް ސަރުކާރު ބަދަލު ކުރާ ވާހަކަ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިދިކޮޅަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެއްޔާ ސަރުކާރަށް ކުރާނީ ޖެއްސުން. އެއްބާރުލުމެއް ނުދޭނެ. މީގެ ކުރިން އެބޭފުޅުން ވިދާޅުވަނީ ޖަވާބުދާރީ ކުރުވާ ވާހަކަ. އެކަމަކު މިހާރު ރާގު ބަދަލުވެ ދައްކަމުންދަނީ ބަޣާވާތްކޮށް ވެރިކަން ބަދަލުކުރާ ވާހަކަ. ވަރަށް ސާފުކޮށް އެ ބޭފުޅުން އެ ވިދާޅުވަނީ ސަރުކާރަށް އެއްބާރުލުން ނުދޭނަމޭ. ތިމަންނާމެންގެ ޕްލޭނަކީ ވެރިކަން ބަދަލުކުރުމޭ އެކިޔަނީ." އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން ހޮވިވަޑައިގެންފިނަމަ އިސްކުރާނީ އެ ޕާޓީގެ ފިކުރު ކަމަށާއި އެކަން މި ސަރުކާރުގެ ތިން ވަޒީރަށް ރުހުން ނުދިނުމުންވެސް ސާފުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓި އޮތް މަޖިލީހުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސް ތަކެއް އެޅިގެން ދިޔަ ނަމަވެސް ސަރުކާރުގެ މަސައްކަތުން މަދު ދުވަސްކޮޅުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގަން ބޭނުންވާ ހަމައެކަނި ސަބަބަކީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުން. އެހެންވީމަ އިދިކޮޅަށް މެޖޯރިޓީ ދީގެން ގައުމު ހަމަނުޖެހުމުގެ ތެރެއަށް ދޫކޮށްލަން އަޅުގަނޑު ބޭނުމެއް ނޫން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރާ މަޖިލީހާ ކޯޅުންތައް ކޯޅި، ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭ ކަމަކަށް ވެގެންދާކަށް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މި ވިސްނުމުގައި މިކަންކަމާ ވިސްނުމަށްފަހު މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމްޑީޕީ އައުޓް

    އެމްޑީޕީއިން 20 އަހަރުވަންދެން ރައްޔިތުންނަށް ދެއްކި ހުވަފެންތަކަކީ ބޮޑު ސްކޭމެއްކަން މިދިޔަ 5 އަހަރު ސާބިތުވެއްޖެ. ހުރިހާ ބާރަކާއެކު އެމީހުން ކުރީ ވައްކަން. މިހާރު އެމީހުންގެ އެޖެންޑާއަކީ އެމީހުން ކުރި ވައްކަންތަށް ފޮރުވާ، ދެން އަންނަ އިންތިހާބަށް ސަޕޯޓު ލިބޭތޯ މުއިއްޒުގެ 5 އަހަރު ތަރައްގީވިޔަ ނުދީ ގައުމު ނިކަމެތިކޮށްލުން.

  2. ޥިލިމާލެ ކަމަނަ

    ޢޭދިވެހިންނޭ މުއިޒު އެއީ އަމިއްލަ އެދުމެއް ނެތް ތެދުވެރި ބޭފުޅެއް ރަތްޔަތުންގެ ހައްގުގަ އިހުލާސްތެރި މަސަކަތް އެކުރައްވަނީ އަޑުއައްސަވާ މިވަގުތު ގެއްލުނަ ނުދެއްވާތި މިއީ ވިސްނާ ބަޔަކަށް އެގޭނެ މިގައުމު ސަލާމަތް ކުރުމަށް އެންމެން އަތުގުޅާލާ މާތްﷲ މުއިޒުގެ މަސަކަތްޕުޅުގަ ބަރަކާތް ލައްވާށި އާމީން.

  3. Anonymous

    މޑޕ މަޖިލިހުން މިގައުމުގައި އިގްތިސާދީ އެއްވެސް ކަމެއް ކުރިއަކަނުދޭނެ. އިގްތިސާދީ ހަރަކާތްތަކަށް މަޖިލިހުން ރުހުން ދޭގޮތަށް ހަދާނެ. ސަރުކާރުން ތަރައްޤީއަށް ރާވާ އެއްވެސް ކަމެއް މޑޕ މަޖިލިހުން ފާހެއް ނުކޮށްދޭނެ. ގައުމު އަނދަވަޅަކަށް ވައްޓާލަން ނޫނީ މޑޕ އަށް ވޯޓެއް ނުދޭނެ. މޑޕ އަކީ ދިވެހިގައުމަށް ދުވަހަކުވެސް ހެވެއް އެދޭނެ ބައެއްނޫން. ގައުމު މިދިޔަ 5 އަހަރު އިނދަޖެހުނު ވަރު ނުފެންނަ އެކަކުވެސް ނުހުންނާނެ. ގޮތްދޫނުކޮށް މޑޕ އަށް ވޯޓު ލުމަކީ ހަމަ ގައުމަށް ހިޔާނާތްތެރިވުމަށް ނޫނީ ނުވާނެ.

  4. ހިމް

    ނަޒާހާތްތެރި ބަޔަކު އެއްވެސް ފަރާތަކުން ކުރިމަތިލީނަމަ ރަނގަޅު. ބޮޑެތި ކުށްކުށަށް އަރައިގެންފައިވާ މީހުންނާއި ކޮރަޕްޓު މީހުން ތިބީ ހުސްވެސް. މުޅި ގައުމަށް ލަދު.