2008 ވަނަ އަހަރު ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ހަމަލާދިނުމަށް މަސައްކަތްކުރި މީހާއަށް މަޢާފުދީ މިނިވަންކުރުމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން ރައީސް މައުމޫނުގެ ވަކީލު މުޙައްމަދު ފައިސަލް ވިދާޅުވީ، އެ މައްސަލައިގައި ޖަލަށްލާފައިވާ މީހާގެ ޙުކުމް ލިއުކޮށްދީ އޭނާއަށް މަޢާފުކޮށްދިނުމަށް ރައީސް މައުމޫނުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ކްލެމެންސީ ބޯޑްގައި އެމަނިކުފާނު ދަންނަވާފަިވާ ކަމަށެވެ.

ރައީސް މައުމޫނަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައި ވަނީ، ހޯރަފުށީ ކިނާރާ، މުޙައްމަދު މުރުޝިދެވެ. އެ މައްސަލައިގައި އޭނާ ޖުމްލަ 13 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާއިރު، ޙުކުމުގެ ބޮޑުބައި މިހާރު ވަނީ ތަންފީޒުކޮށްފައެވެ.

2008 ވަނަ އަހަރު ރައީސް މައުމޫނަށް ހަމަލާދޭން އުޅުނު މުރުޝިދު ކޯޓުން ނެރެގެން ދަނީ

ރައީސް މައުމޫން ވެރިކަމުގައި ހުންނަވަނިކޮށް އެމަނިކުފާނަށް ޙަމަލާދޭން އުޅުމުގެ މައްސަލައިގައި މުރުޝިދުގެ މައްޗަށް ވަނީ، އެފަދަ ޙަމަލާއެއް ދޭން ރޭވުމުގެ ކުށަށް 12 އަހަރުގެ ޙުކުމެއް އިއްވާފައެވެ. އަދި ވަޅިއަކުން ރައީސަށް ޙަމަލާދޭން އުޅުމުގެ ކުށުގައި އެއް އަހަރަށް އޭނާގެ މައްޗަށް ވަނީ ޖަލު ޙުކުމް އިއްވާފައެވެ.

އެ ހާދިސާގައި އެވަގުތު އެ ސަރަޙައްދުގައި ހުރި ސްކައުޓް ކުއްޖެއްގެ އަތަށްވެސް ވަޅި ހެރިގެން ޒަޚަމްވިއިރު، އެ މައްސަލައިގައިވެސް މުރުޝިދުގެ މައްޗަށް ދަޢުވާކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ ދަޢުވާއިން އޭނާ ވަނީ ސަލާމަތްވެފައެވެ.

މުރުޝިދަށް މަޢާފުދީ އަދަބު ލުއިކޮށްދިނުމުގައި ރައީސް މައުމޫނުގެ އެއްވެސް އިއުތިރާޒެއް ނެތްކަން އެމަނިކުފާނުގެ ވަކީލުން ހާމަކުރައްވާފައިވާއިރު، ރައީސް މައުމޫނު މިހާރު ހުންނެވީ ޖަލު ޙުކުމެއް ތަންފީޒުކުރެއްވުމަށް މާފުށީގައެވެ. މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަންފުޅު

    ތީވޯޓު ހޯދަންވެގެން ޖަހަމަޅިއެއް

  2. އަޙްމަދު

    މައުމޫން އަ މަޢާފު ދެވެޭތަ

  3. ށަންފަ

    ކޮބާ އީވާނު ނަސީމުގެ ވާހަކަ ދައްކާނެ ބަޔަކު ނުވި ދޯ