ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަބްދުﷲ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޔާސީން ޕީއެންސީއަށް ސޮއި ކުރެއްވިކަން ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.
ވިހިވަނަ މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނައިފަރު ދާއިރާގެ ގޮނޑި ޔާސީން ކަށަވަރުކުރެއްވީ 1،038 ވޯޓާ އެކުއެވެ. ޕީއެންސީގެ ކެންޑިޑޭޓު ހަސަން އަލިފުޅު (ބާސް)އަށް ލިބިފައިވަނީ 880 ވޯޓެވެ.
އަމިއްލަ ގޮތުން އިންތިޚާބުވީ މެންބަރު ޔާސީން ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 16 ވަނަ ދުވަހު ތަސްދީޤު ކުރައްވައިފައެވެ.
ނަމަވެސް މި ޤާނޫނު ހިނގާނީ މެމްބަރު ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރާނަމައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޙާބުވި މެމްބަރުންގެ ދައުރު އަދި ނުފަށައެވެ. ގާނޫނު އޮތް ގޮތުން، ދައުރު ފެށުމުގެ ކުރިން ޕާޓީ ބަދަލުކުރިޔަސް ގޮނޑި ނުގެއްލޭނެއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމަށް ބާއްވާ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ނައިފަރު ދާއިރާގެ ގޮނޑިއަކީ މިދިޔަ ދެ ދައުރުގައި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފުރުއްވި ގޮނޑިއެވެ. މިނިސްޓަރުކަމަށް ވަޑައިގަންނަވަން އޭނާ ވަނީ މެންބަރުކަމުން އިސްތިއުފާދެއްވައިފައެވެ.
ޔާސީންގެ ގޮނޑި ގެއްލިއްޖެ ހުވާކުރުމުގެ ކުރިން.
ފަސަ އަށް ވިކޭނެ
ގާނޫނު ހެދި މީހުންގެ ޖާހިލުކަން މިކަމުން ވެސް ހާމަވެގެން ހިގައްޖެއެވެ.
ސާބަހޭ ޔާސީން. ސޮއިކުރަންޖެހުނު އެއްޗެއްގަ ސޮއިކޮށްގެން ވެސް މިފަހަރު ވާނެ ރަށުގެ ކަންކަން ހަމަޔަކަށް އަޅުވާލަން. އަލުން ވެސް ހޮވާދޭނަން އޭރުން.
ކޮންމެ ބޭފުޅަކުވެސް ކޯޓް ފަށްސަވާއިރު އެބޭފުޅަކަށް ފަސޭހަވަރަކަށް އެބޭފުޅެއް ގެ ގަޔަށް ދޫކޮށް ފެއްސެވީމަ ހުންނާނީ ރަނގަޅަށް ދެއްތޯ ؟ ދެން ބުނާނީ ހެޔޮވެރިކަމެކޭ މިހާރު ކޮރަޕްސަނެއް ނެތޯ
ކޮންތާކުންތާކު ނުޖެހޭ ވާހަކައެއް. ވޯޓް ދިނީ އިންޑިޕެންޑެންޓް އެއް ވީމަ. ދެން ހުވާކުރުމައްފަހު ވޯޓް ދިން ރައްޔެތުންގެ ހިޔަަލުވެސް ބަދަލުވަނީތަ! ޗީޑި.
މަރުހަބާ ޔާސީން....