އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އުމުރުން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ 2006 ވަނަ އަހަރު އުފަންވި ޅ. ކުރެންދޫއަށް ނިސްބަތްވާ ޒުވާނަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ބަންދަށް 10 ދުވަސް ދީފައެވެ.

ފުލުހުން ކޯޓުގައި ބުނީ، އެ މައްސަލައިގައި ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ކޮތަޅު ޒުވާނާ އަތަށް ދިން ތަން ފެނުނު ކަމަށެވެ. އަދި އޭނާ ހުއްޓުވި ވަގުތު ކޮތަޅު މަގުމައްޗަށް އެއްލާލިތަން ވެސް ފެނުނު ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ކޮތަޅުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1050 ގްރާމް ހުއްޓެވެ.

މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނަ ކެނަބިސް ނުވަތަ ހަތަރު ގްރާމަށް ވުރެ ގިނަ ޑައިމޯފިންގެ ބާވަތެއް ފެނިއްޖެ ނަމަ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ބެލެވޭނީ އެއީ ޓްރެފިކް ކުރުމަށް ގެންގުޅުނު ތަކެތި ކަމަށެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އެ ހުކުމް އައިސްފި ނަމަ ޖަލުގައި 25 އަހަރު ތަންފީޒު ކުރަން ޖެހޭނެއެވެ.

ކޯޓު އަމުރުގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެ ވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓު ހުށަހަޅާފައިވެއެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީއަށް ޕޮޒިޓިވްވެފައެވެ.

އޭނާ އަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑުތަކެއް ހުރި މީހެކެވެ. އޭނާ ބަންދު ކުރަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ޒުވާނުންނާއި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުން ބުނާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން ކުޑަ ކުދީންނަށް ފައިސާ ދީގެންނާއި ނުފޫޒުގެ ބޭނުންކޮށްގެން އެފަދަ މުއާމަލާތްތައް ކުރުވަައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚަގީ

    ޢަވަހަށް ދޫކޮށްލާ 3 ކިލޯ ވިކަން

  2. ހަސަނުގެ ދަރި ލަތީފް

    ކޮންމެވެސް ވަރެއްގެ ހެއްކެއް ނޫނެއްނު
    ފުރިހަމަ ހެކި އެހުރީ ލިބިފަ އެއްނު

  3. Anonymous

    ވ ޅަ ކުއްޖެއް ތި ހައްޔަރު ކުރީ! އަވަހަށް ދޫކޮށްލާ!!!!! ރިހެބިލިޓޭޓް ކުރޭ! ޖަލަށް ލިޔަސް ވާ އިސްލާހެއް ނުވޭ! ބޮޑަށް ނުބައި ވަނީ އިތުރު ކއްވެރިންނާ ގުޅި އިތުރު ކުށތަކަކަށް އަރާނީ