ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ އާ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ މަގާމުތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ފަރާތްތަކުން އެކި ގޮތްގޮތައް ދައްކަމުންދާކަން ފާހަގަކުރައްވުން ހީނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

"ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ބަޔަކު އެބަ ދައްކާ. ދެން މީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް ސިޔާސީ މަގާމުތަކުގެ އެކްޒެކްޓް ފިގާ ތިބޭފުޅުންނާ ހަމައަށް ފޯރުކޮށްދޭނަން." ހީނާ ވިދާޅުވިއެވެ.

ސިޔާސީ މަގާމުތައް ގިނަވުމަކީ އާންމުކޮށް އެއިރެއްގައި އޮންނަ ސަރުކާރަކަށް ފާޑުކިޔުން އަމާޒުވާ ކަމެކެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް ގިނަ ކަމުން ދައުލަތުގެ ހަރަދުތައް ބޮޑުވާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ކަންބޮޑުވުން ފާޅުކުރިއެވެ.

މިސަރުކާރުގެ ސިޔާސީ މަގާމުތައް ވެސް ގިނަ ކަމަށް ބުނެ އޭރު ވެރިކަމުގައި ތިބި މިހާރުގެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމާއި ގުޅިގެން ރައީސްގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވަމުން ވިދާޅުވީ، ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްތު އަދާ ކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަން ކުރުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސް އަށް ލިބިގެންވާ އިހުތިޔާރެއް ކަމަށާއި އެކަން ކުރައްވަމުން ގެންދަވަނީ ޤާނޫނާއި އެއްގޮތަށް ކަމަށެވެ.

މިސަރުކާރަކީ މަތިބަރު ސަރުކާރެއް ނޫން ކަމަށާއި އެވާހަކަތައް ދައްކަވަމުން އަންނަ އެމްޑީޕީގެ ބޭފުޅުން ވެރިކަމުގައި ތިއްބަވައިގެން، އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ނަންގަވައިގެން ތިބެ 1،200 އާއި 1،400 އާއި ދެމެދުގެ އަދަދަކަށް މަގާމުތައް އިތުރުކޮށްގެން ކުރެއްވީ ކޮން ކަމެއްތޯ އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސްބަސްތީ

    އަސްލު އަދަދު ހާމަ ނުކުރާނެކަން 100% ޔަގީން، މިސަރުކާރަކީ ފަތިސް ނަމާދުކުރަން ބުނެފަ 95% ކަޕްޝަން ހިންގާ ސަރުކާރެއް!

  2. ސަރަފަކައްދަ

    ސިޔާސީ މަޤާމު ތައް ހާމަކުރާނީ އެ މަޤާމު ތަކުގައި ތިބި ގިނަަ އަދަދެއްގެ މީހުން ކަނށާލުމަށް ފަހުގަޔޯ މި ރަށުތެރޭގައި އުލޭމީހުން ބުނޭ!

  3. ސަރބޮންޖު

    ހީނާ ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެން މިހިރީ ޤަބޫލު ކުރަން. އޭނާ ފެނުމުން ހިތްހަމަޖެހޭ. އޭނާގެ ބަސްމޮށުންތެރިކަން، ޚިޔާލު ތަވަސްކަން، މިހެންގޮސް..

  4. ވިޝާހު ސައީދު

    ހީނާ އަކީ އައްޑޫ ސިޓީގެ ފަހުރުވެރި ދަރިއެއް.

  5. ރަންރީނދޫ

    އެނގިގެން ދޯ ހާމަކުރެވޭނީވެސް. އެމްޑީޕީއިން ވައިކުޑައިން ފުންމާލި ސިޔާސީން ޑިމޮކްރެޓްސްގެެެސިޔާސީންް ،ޕީއެންސީގެ ސިޔާސީން،އެމްއެންޕީގެ ސިޔާސީންނާއި އެކު ކޮންމެ މިނިސްޓްރީއެއްގަަެ ހަތަރުފަށަލައަށް ސިޔާސީން.އަހަރެއްވަރުނަގާނެ ގުނާ ހިސާބުކުރަން.

  6. Anonymous

    ވޯޓަށް ވެއްދި އެންމެން އަނެއްކާ ކަނޑާފައެއްނޫން ހާމަކުރާނީ.

  7. ހަސަނަ

    އިންޑިޔާ ސިފައިންގެ އަދަދު ބެލުން ، ސިޔާސީމީހުންގެ އަދަދު ބެލުން ، ރާއްޖޭގައުޅޭ ބަންގާޅީންގެ އަދަދު ބެލުން މީމިހާރު އުނދަގޫކަންކަން

  8. ހަސަނާ

    އިންޑިޔާ ސިފައިންގެ އަދަދު ބެލުން ، ސިޔާސީމީހުންގެ އަދަދު ބެލުން ، ރާއްޖޭގައުޅޭ ބަންގާޅީންގެ އަދަދު ބެލުން މީމިހާރު އުނދަގޫކަންކަން

  9. އެދުރު

    ގުނާއިރު ސިޔާސީ ގޮތުން ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް ނުޤަވައިދުން އުސޫލުންބޭރުން ވެއްދި މުވައްޒަފުންވެސް ތި ގުނުމުގައި ހިމަނާތި. އެއީ ވެސްހަމަ ވޯޓުހޯދަންވެއްދި ސިޔާސީ މާޤާމުގެ މުވައްޒަފުން

  10. ރާއްޖެތެރެމީހާ

    ކޮންމެ މިނިސްޓްރީ އެއްގަ ދިހަ ބާރަ ޑެޕިއުޓީ މިނިސްޓަރުންނާ ޕޮލިޓިކަލް ޑިރެކްޓަރުން އިށީންނާނެ ގަލެއް ނެތް