ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ފެށިގެން ދިޔައީ ބައިވެރިންނަށް ބޭއްވި ހާއްސަ ހަރަކާތަކުންނެވެ. އެ ހަރަކާތުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީއިން އަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިވެރިންނާ ހިއްސާކުރިއެވެ.

އެގޮތުން، ރަސްމިއްޔާތުގައި އެފްޑީސީގެ ޕްރޮޖެކްސް އަދި ޕްލޭނިން ޑިޕާޓްމަންޓުން، އެފްޑީސީ ފެސިލިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ގޮތުން ޢަމަލުކުރަމުންދާ އުސޫލުތަކާއި ޤަވާއިދުތައް ވަނީ ހިއްސާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ، ހަމްދާން ޝަކީލް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުހިއްމު އިސްކަމެއް ދޭ ކަމަށެވެ.

އިމާރާތްކުރުމުގެ މަސައްކަތްތައް ޒިންމާދާރުކަމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތްވާގޮތުންގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ނިޒާމުތަކާއި، އިޖުރާއަތްތައް އެފްޑީސީން ތަންފީޒުކުރަމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އަދި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ޤަވައިދާ އެއްގޮތުގެ މަތިން އެޅިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެކަށޭނަ މުއައްޒަފުންގެ ޓީމެއްވެސް މަސައްކަތްކުރަމުންދާ ކަމަށްވެސް ހަމްދާން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތަށް "15 މިލިއަން ސޭފް މޭން-އަވަރޒް"ހާސިލްކުރެވިފައިވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ހަމްދާން ސިފަކުރެއްވިއެވެ. އަދި އެ ކާމިޔާބީއަކީ، ކޮންޓްރެކްޓަރުންނާއި، އެފްޑީސީގެ މުވައްޒަފުންގެ ހިތްވަރާއި ސާބިތުކަން ދައްކުވައިދޭ ކާމިޔާބީއެއް ކަން ވެސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "އެންޝުއަރިންގސޭފްޓީ އެންޑް ހެލްތް އެޓް ވޯކް އިން އަ ޗެލެންޖިންގ ކްލައިމެޓް" އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި މަސައްކަތުގެ މާހައުލު ބައްޓަންކުރުމަކީ ކޮންމެހެންކުރަންޖެހޭ ކަމެކެވެ. އެގޮތުން،މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އިސްކަންދީ، ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުމަށް އެފްޑީސީން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.