ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މީގެ ކުރިން މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހިމެނޭ ރަށްތަކަށް ނެރެފައެވެ.

މެޓް އޮފީހުން ފަހުން ނެރުނު ސަމާލުގައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެއެވެ.