މަސްވެރިން ބާނާ މަސް ރައްކާކޮށް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރެވޭނެ އެންމެ ބޮޑަށް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރުކޮށްދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް މާކެޓްގައި މަހަށް ލިބޭ އަގު ބޮޑު ކުރެވޭނީ ސްޓޯރޭޖް ކެޕޭސިޓީއާއި ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށްގެން ކަމަށެވެ. އެގޮތުން ސަރުކާރުގެ ޕްލޭނަކީ ސްޓޯރޭޖާއި ޕްރޮސެސިން ކެޕޭސިޓީ ތިން އަހަރު "މެކްސިމަމް" ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

"ސްޓޯރޭޖް ކެޕޭސިޓީ މި ވަގުތު ހުރީ 10،000 އަަށްވުރެ ދަށްކޮށް. މަސްވެރިންގެ އަތުން މަސް ގަނެފައި ރައްކާކުރެވެން ހުންނަ ސްޓޯރޭޖް ރާއްޖޭގައި މަސް ބާނާ މިންވަރާ އަޅާބަލާއިރު ވަރަށް ކުޑަ. އެހެންކަމުން މި ޖެހެނީ ބާނާ މިންވަރަށް ބޭރުކުރަން އެ މީހުން ބޭނުން ނުވިއަސް. އެ މީހުުން ބޭނުންވާ ކޮންމެ އަގެއްގައި ބޭރުކޮށްލަ ކޮށްލާ ތިބެން މި ޖެހެނީ. އެހެންވީމަ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަންޖެހޭ." މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ސްޓޯރޭޖް އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތާއި ކުރަން ރާވާފައިވާ މަސައްކަތްތައް ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތަށް ޕްލޭން ގޮސްފިނަމަ މިހާރު ހުރި 10،000 މެޓްރިކް ޓަނުގެ ސްޓޯރޭޖް މަދުވެގެން 14،000 މެޓްރިކް ޓަނަށް އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެން ވެއްޖެނަމަ 24،000 މެޓްރިކް ޓަނުގެ ކެޕޭސިޓީ މުޅި ރާއްޖޭގައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސް ޕްރޮސެސް ކުރެވެން ހުރީ ރާއްޖޭގައި މިފްކޯގެ އިތުރުން ދެން ހުރީ ހޮރައިޒަންގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދެތަން އެއްކޮށްލުމުން ވޯކިން ކެޕޭސިޓީ 110 ނުވަތަ 120 އަށް އަރާކަމަށެވެ. ރާއްޖެއިން ބޭރަށް ފޮނުވާ ހުރިހާ މަހަކީ ޕްރޮސެސްކުރެވިގެން ބޭރުކުރާ މަސްކަމުގައި ހެދުމަށް ރައީސް ބޭނުންފުޅުވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މަހުގެ އަގު މަތިވާނީ އޭރުން ކަމަށެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

"ރައީސް ޗައިނާއަށް ވަޑައިގެން ވެފައިވާ އެއްބަސްވުންތަކުގައި އެބަހުރި ފެލިވަރުގައި 50 ޓަނުގެ ޕްރޮސެސް ފެކްޓީއަށް އިތުރުކުރުމަށް. އަދި ފ. އަތޮޅާއި ގދ. ފިޔޯރީގައި 100 މެޓްރިކް ޓަނުގެ މަސް ފެކްޓްރީއެއް ގާއިމް ކުރުމަށް. އެހެންވީމަ ޕްރޮސެސިން ކެޕޭސިޓީވެސް ދެގުނައަށްވުރެ އިތުރުވެގެން ދާނެ. އެހެންވީމާ އަހަރެއްގެ ތެރޭގައި ރާއްޖޭގައި މަސްބާނާ އަދަދު މި ހުރީ އެއްލައްކަ 20 ހާސް މެޓްރިކް ޓަނުގައި، ހުރިއިރު އަޅުގަނޑުމެން ޑޮމެސްޓިކް މާކެޓަށް ބާލާފައި ބޭރުކުރެވެނީ ގާތްގަނޑަކަށް 65،000 ޓަނުގެ މަސް. އެ މަހުގެ ގާތްގަނދަކަށް 75 އިންސައްތަ ބޭރުކުރަނީ ރޯކޮށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ހުރީ 92 މިލިއަން ޑޮލަރުގައި ކަމަށެވެ. ސަރުކާރުން މިހާރު ހިފާފައިވާ އަމާޒަށް ވާސިލްވެއްޖެނަމަ ލިބޭ އާމްދަނީ ދެގުނަ ކުރިއަށް ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.