ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއިން ފުރުވާލުމާއެކު ހަފްތާއެއްގެ ތެރޭގައި ޑިޕޮސިޓް ފައިސާ ރިފަންޑު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރާއްޖެއިން ފޮނުވާލެވިފައިވާ ބިދޭސީންގެ ގިނަ ޒަމާންވެފައިވާ ޑިޕޮސިޓް ރިފަންޑުތަކެއް ސަރުކާރުން ހޯލްޑު ކުރެވިފައިވާ ކަމަށާއި އެކަމަށް ހައްލެއް ގެނެސް އެ ފައިސާ އެމީހުންނާ ހަވާލުކުރާނީ ކޮން އިރަކުންތޯ ވަޒީރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމު ފަރާތަކުން ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލުގެ ޖަވާބުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އެ ފައިސާއަކީ އެމީހަކު ހާލުގައި ޖެހިއްޖެނަމަ ނުވަތަ ރާއްޖެއިން ފުރުވާލަން ނުވަތަ ޑީޕޯޓްކޮށްލަން ޖެހިއްޖެ ހާލަތުގައި ޓިކެޓް ނަގަން ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ނަގާ ފައިސާއެއް ކަމަށާއި ރައްކާތެރިކަމާއެކީ އެމީހަކު ފުރުވާލެވިއްޖެކަން ކަށަވަރުވާ ހިސާބުން ފެށިގެން ހަފްތާއެއްގެ ތެރޭ އެ ފައިސާ ހަވާލުކުރެވޭނެ ކަމަށެވެ.

"ހޯމް މިނިސްޓްރީގެ ދަށަށް އެ ޒިންމާ ހަވާލުކުރެވުނު ހިސާބުން އަޅުގަނޑުމެން މިދަނީ އެ ނިޒާމު ވަރަށް އަވަސްކުރެވޭނެ މަގުތަކެއް ހޯދަމުން. އެގޮތުން މިހާރު ސިސްޓަމަށް ގެނެވުނު ބަދަލުގެ ތެރެއިން އެމީހާ ފުރުވާލެވިއްޖެކަން ޤާނޫނީ އިމުގެ ތެރެއިން ފުރުވާލެވިއްޖެކަން ކަށަވަރުވާ ހިސާބުން އަޅުގަނޑުމެން މިބަލަނީ ހަފްތާއެއްގެ ތެރޭ އެ ފައިސާ އެމީހާގެ އީ ވޮލެޓަށް ޖަމާކުރެވޭނެ ގޮތެއް ހަދަން."، އިހުސާން ވިދާޅުވިއެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

އިހުސާން ވިދާޅުވީ މިހާރުވެސް ކޮންމެ ބިދޭސީއެއްގެ އެކައުންޓުގައި އީ ވޮލެޓެއް އިންނާނެ ކަމަށާއި ފައިސާ ކޭޝްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

"ތެދެއް. ވަރަށް ގިނަ މީހުންގެ ފައިސާ ރީފަންޑު ނުކުރެވި އެބަހުރި. މީގެތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ނަމުގައި ބޭރު މީހުން ގެނެސް އެ ބޭރު މީހުން ފިލާފަ ނުވަތަ ވާނުވާ ނޭނގި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅެމުންދާ މީހުން. ދައުލަތުން އެ ޑިޕޮސިޓް ފައިސާ މި ހިފަހައްޓަނީ އެމީހާ ހާލުގައި ޖެހިގެން ނުވަތަ ފޮނުވާލަން ޖެހިގެން ނުވަތަ ޑީޕޯޓްކޮށްލަން ޖެހޭ ހާލަތުގައި އޭނާގެ ޓިކެޓް ނެގުމަށްޓަކައި ނުވަތަ އޭނާއަށް ޖެހޭ ބޮޑު ކަމެއްގައި އޭނާ ހާލުގައި ޖެހިގެން އުލޭ ހާލުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ނަގާ ފައިސާއެއް މި ފައިސާއަކީ،". އިހުސާން ވިދާޅުވިއެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ ބިދޭސީންނަށް އެއްވެސް ފުރުސަތެއް ދިނުމެއް ނެތި 48 ގަޑިއިރުތެރޭ އެމީހަކު ޑީޕޯޓްކޮށްލާނެ ކަމަށެވެ. އަދި އެގޮތަށް ފޮނުވާލެވޭ މީހުންގެ ޓިކެޓް ނަގަނީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާ ފައިސާއިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސަ

    ބިދޭސީ މީހާ ގެންނަ ދުވަހު މިފިލަނީ ދެން އެމައްސަލަ މިއަންގަނީ ޕޮލިހަށާ އެހެންމުއްސަސާތަކައް ނަމަވެސް ސަރުކާރުން އެމީހާހޯދަން އެބަނަގާ 6 އަހަރު

    1
    1
  2. Anonymous

    ދެން މަޖިލިސް މެމްބަރުން ގެ ސުވާލު ޑުރާމާ ކުޅުން ނިމުނީ ، މިހާރު ސީދާ ރައްޔިތުމީހާ ބޭނުން ސުވާލު ކޮށްލެވޭ، ޝުކުރިއްޔާ ސަރުކާރު ރައީސު ޑރ މުއީއްޒު !

    2
    1
  3. ކޮރަލް

    ގާނޫނާ ގަވާއިދާ ހިފް ކުއްތައް ބިދޭސީން ކުރާ އިރު ޑިޕޯޓް ކުރަން ތިޔަ ޑިޕޮސިޓް ފައިސާ ބޭޏުން ކޮށް ބަލާށެވެ.

  4. އަބްދޫ

    ބިދޭސީންގެ ޑިޕޮޒިޓް ފައިސާ އަކީ އެމީހާގެ ގައުމަށް ފޮނުވާލުމަށާއި އެމީހާއަށް ކުރަންޖެހިދާނެ ހަރަދަކަށް ބެހެއްޓޭ ޑިޕޮޒިޓެއް .މިފައިސާ ބަހައްޓމުންއައީ ދަވްލަތުގެ ހަވާލުގަ ދަވްލަތުން ބޭނުންނުކުރާ ވަކި އެކައުންޓެއްގަ އެމްއެމްއޭ ގަ. 2008 ގަ އައި އެމްޑިޕީ ވެރިކަމުގަ ދަވްލަތުގެ ދަރަނި 16.5 ބިލިއަނނަގަ 26 ބިލިއނަށް ދަރަނި އަރުވާފަ ރަށްރަށުގެ ރައްޔިތުން ގެ ފައިސާއާއި އަތޮޅުރައޔިތުންގެ ފައިސާ ހުސްކޮށް ހަދާގެ ގޮތް ހުސްވެ ބީދޭސީނަ ޑިޕޮޒިޓްގެގޮތުގާ ހުރި ބިލިއނަކަށް ވުރެ ގިނަ ރުފިޔާ ވަނި ބޭނުންކޮށްފަ.އަދިވެސް އެ އެޖެންސީތަކަށް ހަމަޔަށް ފައިސާ ލިބުނުކަމެއްނެގެ.އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެފަހަރަކު ބިދޭސީންގެ ލިއުންތައް އިމިގްރޭސަނުން އަތުލާ އެކޮނޮމިކް މިނިސްޓަރީ އަށް ގެންގޮސް ލިއުންތަކަށް ވަނީ އޮޅުންބޮިޅުންއަރުވާފަ. މިފަދަ މުހިންމު ކަންތައްތައް ޒިނަމާވާނެ ވަކި ބަޔަކުނެތި ތަފާތު ދިމަދިމާލަށް ދަމަން ވެއްޖެނަމަ ލިއެކިއުންގެއްލޭތަން އަންނަނެ އަދި ޒިންމާ ނަގާނެ ބަޔަކު ވެސް ނުތިބޭނެ.