މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުމެއް ހައްލުކޮށްދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުން ކަމަށެވެ. މަސްވެރިންނަކީ ވެސް ޕްރޮފެޝަނަލް މަސައްކަތެއް ކުރާ ބައެއް ކަން ދައުލަތުން ދެނެ ގަތުން ކަމަށެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

"އޭގެ ވަރަށް ބައިވަރު ބޭނުން އެބަހުރި. މަސްވެރިން މި ތިބެނީ ވަރަށް ގިނަ ކަންތައްތަކުން މަހުރޫމްވެފަ. މަސްވެރިންނަކީ އާއިލާތަކަށް ވަރަށް ބޮޑު އާމްދަނީއެއް ހޯދާ ބައެއް. ނަމަވެސް ދައުލަތެއް ނުދަނެ، ދައުލަތުގެ މުވައްސަސާތަކެއް ނުދަނެ، ބޭންކްތަކުން ނުދަނެ." ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުފުޅާއިއެއްގޮތަށް މަސްވެރިންގެ ދަފްތަރު އެކުލަވާލަން ފަށާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ވީހާ ވެސް އަވަހަކަށް ދަފްތަރު ފުރިހަމަކުރުމަށްޓަކައި ކައުންސިލްތަކާއި މަސްވެރިންނާ އޮޑިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަޒީރުންގެ އަހާ ފޯރަމް — ވަގުތު އިމޭޖަސް : އަހްމަދު މަމްދޫހް

"ދޭން އޮތް ޔަގީންކަމަކީ ރައީސް މުއިއްޒުގެ ޒައާމަތުގައި މަސްވެރިންނާ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް ހައްލުކުރާނަން." ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި މި ސަރުކާރުން މިހާރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން އިތުރު އައިސް ޕްލާންޓައް ތަރައްގީކުރުމާއި އިތުރު ފެކްޓްރީތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށްގެން ބޭރަށް އެކްސްޕޯޓްކުރުމުން އަގު އުފުލިގެން ދާނެއެވެ. އަދި ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަބުލޯ

    މިހާރުވެސް ކޫއްޑޫން ދެނީ ހުސްބިލް ފައިސާ ނުލިބޭތާ 3 ހަފުތާ ވެއްޖެ..........

    3
    1
  2. މަސްކީ

    ހަމަ އެންމެ ކަމެއް ކޮއްލަދީ. މިޔަރު ބޭނުން ހުއްދަކޮއްލަދީ. އެކަން ކުރެވިއްޖެއްޔާ ދެންހުރި ހުރިހާކަމެއް މިނިސްޓަރަށް ކުރެވޭނެ ކަމާމެދު ސައްކެއް ނުކުރާނަން.

    7
    0