އުމުރުން ދުވަސްވީ މީހުންގެ އައިޑީ ކާޑު މުއްދަތު ހަމަނުވާ ގޮތަށް ހެދުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ޑިޕާޓްމެންޓު އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއި އިމިގްރޭޝަން ހާޒިރު ކުރީ، އައިޑީކާޑާއި ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހަށް ބަދަލު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅި ގަރާރާއި ގުޅިގެންނެވެ.

ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ އުމުރުން 65 އަހަރުވެފައިވާ މީހުންގެ އައިޑީކާޑު މުއްދަތު ހަމަވާ ގޮތަށް އޮތުމުން ގިނަ ތަކުލީފުތައް ރައްޔިތުންނަށް ކުރިމަތިވާ ކަމަށާއި އެކަމާއި ގުޅިގެން ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

"65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައި ވާނީ. ކެބިނެޓުން ފާސްކުރިހާ އަވަަހަކަށް އެ ނިންމުމަށް އަމަލުކުރަން ފެށޭނެ" ޔޫސުފް ވިދާޅުވިއެވެ.

ޔޫސުފް ފާހަގަކުރި ގޮތުގައި އުމުރުން ދުވަސްވީ މުސްކުޅި މީހުން އައިޑީކާޑު މުއްދަތު ހަމަވުމުން ކާޑު ހެއްދުމަށް ފޮޓޯ ނަގަން ތަންތަނަށް ދިޔުމާއި އެހެނިހެން ކަންތައް ކުރުމަށް ގިނަ ތަކުލީފު އުފުލަންޖެހެއެވެ. އެހެންކަމުން އެ މައްސަލަ މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކެބިނެޓުން ފާސްކުރުމުން އެފަދަ ފަރާތްތަކުގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ހަދާނެ ކަމަށް ޔޫސުފް ވިދާޅުވިއެވެ.

އާންމުކޮށް އަމަލުކުރާ އުސޫލަކީ ކުޑަކުއްޖަކު އަލަށް އުފަންވުމަށް ފަހު ހައްދާ އައިޑީ ކާޑު، އެ ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ބޭނުން ކުރުމެވެ. އޭގެ ފަހުން އުމުރުން 40 އަހަރު ފުރެންދެން ކޮންމެ ފަސް އަހަރަކުން އަދި، 40 އަހަރުން މަތިވުމުން 10 އަހަރަކުން އައިޑީކާޑު އާ ކުރުމެވެ.