ޅ.ހިންނަވަރުގައި ސަޤާފީ ކުޅިވަތުތައް ދިރުވާ އާލާކުރަމުންދާ "ތަރާނާ" ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

ހިންނަވަރު "ތަރާނާ" ޖަމިއްޔާއަކީ 2022 ވަނަ އަހަރު ވުޖޫދުވެގެން އައި ޖަމިއްޔާއެކެވެ. ރަޖިސްޓްރީ ނުކުރި ނަމަވެސް އެ ޖަމިއްޔާއަކީ މީގެ އެތައް އަހަރެއް ކުރިން އުފެދުނު ގްރޫޕެކެވެ. ހިންވަރުގެ ކުރީގެ ޖީލުތަކުން ފެށި މަސައްކަތް މިހާރުގެ ޒުވާނުން ވެސް ބައިވެރިވަމުންދާއިރު، އެ ގްރޫޕު އުފެދުނީއްސުރު ދިވެހި ސަޤާފަތް ދިރުވައި އާލާކޮށް ޒުވާނުން ހޭލުންތެރިކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ޒުވާނުންނާއި ކުދަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް އެކިއެކި މުނާސަބަތުތަކުގައި އެރަށުގައި ގިނަ ހަރަކާތްތައް ހިންގާފައިވެއެވެ. އޭގެތެރޭގައި ސަޤާފީ ކުޅިވަރުތަކާއި ރަށުގެ ތަރައްޤީއަށް ކުރެވޭ ގިނަ ހަރަކާތްތަކުގައި "ތަރާނާ" ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ.

"އޭރު އެއްވެސް ރަޖިސްޓްރޭޝަނެއް ނުކޮށް ހަރުކުލައިގެ މީހުންނާއި ވާހަކަ ދައްކައިގެން އޭރު އުޅުނު ޒުވާނުންނާއެއްކޮށް ސަޤާފީ ކުޅިވަރު ކުޅެން ފެށީ ފުރަތަމަ. ދުވަސްތައް ފާހަގަކޮށް، މިގޮތުން ތާރައާއި ބޮޑުބެރު ޖެހުމާއި މިހުރިހާ ކަމެއް އުވިދިޔަނުދީ އެ ހުރިހާ ކަމެއްގައި ރަށުގެ އެކިއެކި އުމުރުފުރައިގެ މީހުން އެއްކޮށްގެން "ތާރަ ގުރޫޕް" ނަމަކަށް ކިޔައިގެން އޭރު އުޅުނީ." ތަރާނާ ޖަމިއްޔާގެ ރައީސް މުހައްމަދު އަޝްހަލް ވިދާޅުވިއެވެ.

ފޮޓޯ: ތަރާނާ ޖަމިއްޔާ

2022 ވަނަ އަހަރު ޖަމިއްޔާއެއްގެ ގޮތުގައި އެ ގުރޫޕް ރަޖިސްޓްރީ ކުރުމަށްފަހު ފާއިތުވީ ދެ އަހަރުތެރޭގައި ގިނަ ހަރަކާތްތައް ހިންގާ މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އެ ޖަމިއްޔާގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވާފައެވެ. އެ ޖަލްސާގައި ޒަމާނުއްސުރެ ޖަމިއްޔާގައި ހަރަކާތްތެރިވަމުން އައި ކުދި ބޮޑު އެންމެންގެ އަގު ވަޒަން ކުރުމުގެ ގޮތުން 110 ވަރަކަށް މީހުންނަށް ސެޓްފިކެޓް ދިން ކަމަށް އެ ޖަމިއްޔާއިން ވަނީ "ވަގުތު"އަށް މައުލޫމާތުދީފައެވެ.

"ދިމާވި އެކިކަންކަމާހުރެ އަހަރީ ޖަލްސާ ނުބޭއްވުނު. އެހެންވެ ދެއަހަރު އެއްކޮށްލައިގެން، އެކަމަކު އަނެއްހެން މީ ފުރަތަމަ ގްރޭންޑުކޮށް ބޭއްވުނު ޖަލްސާ." އަޝްހަލް ވިދާޅުވިއެވެ.

އިބްރާހިމް އަބްދުﷲ، ހިންނަވަރުގައި ސަޤާފީ ކުޅިވަރުމިހާ ހިސާބަށް ގެނެސްދިން ބޭފުޅާ - ފޮޓޯ: ތަރާނާ ޖަމިއްޔާ

މި ޖަލްސާގައި ޖަމިއްޔާގެ އަހަރީ ލަވަ ރިލީޒްކޮށްފައިވާއިރު ޖަމިއްޔާ ރަޖިސްޓްރީކުރިފަހުން ހިންގި ހަރަކާތްތައް ހިމެނޭ އަހަރީ ރިޕޯޓުވެސް ވަނީ އާންމުކޮށްފައެވެ.

ފޮޓޯ: ތަރާނާ ޖަމިއްޔާ
ފޮޓޯ: ތަރާނާ ޖަމިއްޔާ
ފޮޓޯ: ތަރާނާ ޖަމިއްޔާ
ފޮޓޯ: ތަރާނާ ޖަމިއްޔާ

ފާއިތުވި ދެއަހަރުތެރޭ ތަރާނާ ޖަމިއްޔާއިން ކުރި ކަންތައްތަކަށް ބަލާއިރު:

2022 ވަނަ އަހަރު

  • ފުޅަނދުބުރު ނެރުން
  • އަންހެނުންގެ ދުވަހަށް ހާއްސަކޮށް ވީޑިއޯ ލަވައެއް ނެރުން
  • އީދުކުޅިވަރުތައް ކުޅުން (ތާރަޖެހުން، ބޮޑުބެރު ޖެހުން، ދަނޑި، ގައު އޮޑި، ބިލެތްދަފި ކަހަލަ ކުޅިވަރުތައް ބޭއްބުން)
  • ފަލިޖެހުމުގެ މުބާރާތެއް ބޭއްވުން

2023 ވަނަ އަހަރު ކުރެވުނު

  • މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުގައި މަސައްކަތްކުރާ މީހުންނަށް އެދުވަހު ހެދުނު ބްރޭކްފާސްޓެއް ދިނުން.
  • ކައުންސިލަރުންނާއި ގުޅިގެން އީދުވެދުމާއި ދިޔުމާއި އީދު ފުރުވާލުން
  • އީދުކުޅިވަރުތައް ކުޅުން (ތާރަޖެހުން، ބޮޑުބެރު ޖެހުން، ދަނޑި، ގައު އޮޑި، ބިލެތްދަފި ކަހަލަ ކުޅިވަރުތައް ބޭއްބުން)
  • ޖުލައި 26 ގައި ކައުންސިލަރުން އިސްނަގައިގެން ބޭއްވި މިނިވަން އުފާގައި ބައިވެރިވެ ފުޅަނދުބުރުގައި ބައިވެރިވުން. (6 ފުޅަނދު ބުރު ނެރުނު)
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭއްވި ބަށި މުބާރާތު، ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުން.
ފޮޓޯ: ތަރާނާ ޖަމިއްޔާ

ތަރާނާ ޖަމިއްޔާގެ މުޝްތަޝާރު "ވަގުތު"އަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެ ޖަމިއްޔާއިން ދިވެހިންގެ ސަޤާފަތް ދިރުވައި އާލާ ކުރާނެ ކަމަށާއި ޒުވާނުންނާއި މުސްކުޅިން އަދި އަންހެނުން ބައިވެރިކުރުވައިގެން މުސްތަޤުބަލުގައިވެސް ގިނަ ހަރަކާތްތައް ހިންގަން ރާވާފައިވާ ކަމަށެވެ.

ފޮޓޯ: ތަރާނާ ޖަމިއްޔާ

އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކާއި އެކިއެކި ކުޅިވަރުތަކުގައި ސްކޫލްތަކުން ދޭ އެއްބާރުލުމާއި ބެލެނެވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.