ދިގުލައިގެން ދިޔަ ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ)ގެ މައްސަލަ މި އަހަރުގެ ޖޫންގެ ކުރިން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްގެންދިޔަ އަހާ ފޯރަމްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ބޯޓު ދަތުރު ކުރަން ގޮސް ވަަރަށް ގިނަ އާއިލާތަކަށް އާމްދަނީ ލިބެމުންދާއިރު، އެސްއައިޑީގެ މައްސަލައަކީ ވަރަށް ދުވަސްވީ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރު އައުމުގެ މަގުމަތީގައި އާއި ސަރުކާރު އައި ފަހުންވެސް ވަރަށް ގިނަ ބޭފުޅުން ބައްދަލު ކުރައްވާ މިކަމަށް ހައްލެއް ނުލިބިގެން އުޅޭ މައްސަލަ ހުށަހެޅި ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރަށް އައިސް ބެލި ބެލުމުގައި މި ވެގެން އުޅޭ މައްސަލައަކީ 2022 އާއި 2021ގައި ވެސް ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި އެބަ ހުރި އެސްއައިޑީ އިޝޫކުރައްވާފައި، އެކަމަކު މި ޖެހޭ މައްސަލައަކީ އިޝޫކޮށްފައި ހުރި އެސްއައިޑީއަކީ ދުނިޔޭގެ ބޮޑެތި ބޯޓު ދަތުރު ކުރާ ލައިންތަކުގައި ބްރެޒިލްއަށް ކަހަލަ ގައުމުތަކަށް ދިޔައީމަ އިންޓަނޭޝަނަލް ޕޯޓުތަކުގައި ގަބޫލެއް ނުކުރައްވާ، އައިއެމްއޯގެ ރެގިއުލޭޝަންއާ އެއްގޮތަކަށް ނޫން އެސްއައިޑީ ހެދިފައި ހުރީ،".

އެހެންވެ މިއީ ބޮޑު މައްސަލައަކަށް ވެގެން މި ސަރުކާރުން ބެލިއިރު، މިއީ އެހާ ބޮޑު، އަދި ކުރަން އެހާ އުނދަގޫ މައްސަލައެއްވެސް ނޫން ކަމަށެވެ.

"އެ ޑިޒައިން ކޮށްފައި މިހާރު އައިއެމްއޯއަށް ފޮނުވީމަ، އޭގައި ސޭފްޓީގައި ހުންނަ ޑީޓެއިލްއާ އެއްޗެހި އައިއެމްއޯއިން މިހާރު ވަނީ އަޅުގަނޑުމެން ސަރުކާރުން ފޮނުވި ގޮތަށް އެސްއައިޑީ އައިޑެންޓިފިކޭޝަންސްއަކީ އެ މިންގަނޑަށް ފެތޭ އެއްޗެއް ކަަމަށް ގަބޫލުކޮށްފައި. ދެން އަޅުގަނޑުމެން މި ޖެހެނީ އެ އެސްއައިޑީ އައިޑިންޓިފިކޭޝަން އެ ކާޑު ޕްރޮޑިއުސްކޮށްފައި އަޅުގަނޑުމެންގެ ތެރޭގައި ރަޖިސްޓްރީކޮށްފައި އިޝޫ ކުރަން. އެ އިޝޫ ކުރަން ބެލިއިރުގައި އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ހިނގާ. އެކަމަކު ގައުމެއްގެ ނިސްބަތުން ނޫނީ ދައުލަތެއްގެ ނިސްބަތުން މާކަ ބޮޑު ހަރަދުތަކެއް ނޫން،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، މިހާރު ބަޖެޓް ތެރެއިން އެ ހުއްދަ ވަނީ ލިބިފައެެވެ. މިގޮތުން އޮސްޓްރިއާ ކުންފުންޏަކާއެކު އެއްބަސްވުމެއްގެ ތެރެއިން އެކަން ނިމިފައިވާއިރު، އަންނަ ޖޫން މަސް ނިމޭއިރު، މި މައްސަލަ ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.