ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭ، ހިތްހަމަޖެހޭ ޚިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަޤުޞަދުގައި އެންޓި-ކޮރަޕްޝަންގެ ކޮމިޝަނުގެ ސަރވިސް ޗާޓަރ މިއަދު އިފްތިތާޙް ކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ ކޮމިޝަނުން ދޭ ޚިދުމަތްތައް، އެ ޚިދުމަތްތައް ހޯދޭނެ ގޮތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތައް އެއްތާކުން ފެންނާނެ ގޮތަށް އެކުލަވާލެވިފައިވާ ސަރވިސް ޗާޓަރ ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

ކޮމިޝަނުގެ އަމާޒަކީ ކޮމިޝަނުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެކަށީގެންވާ އަވަސްމިނުގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ހެދުން ކަމަށާއި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ޚިދުމަތްތައް ވީހާވެސް ފަސޭހައި ރައްޔިތުންނަށް ލިބޭނެ ގޮތް އިންތިޒާމް ހަމަޖެއްސުމަކީ ކޮމިޝަންގެ މަސައްކަތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭސީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރު ތަހުޤީޤު މަރުހަލާއިން 220 މައްސަލަ ނިންމާފައެވެ. އަދި އަހަރު ނިމުނު އިރު ތަހުގީގު މަރުހަލާއިން ނުނިމި 999 މައްސަލައެއްވާކަން ވެސް ރިޕޯޓުން ދައްކައެވެ.

އެ މުއްދަތުގައި ޕްރިލިމިނަރީ ތަހުގީގު މަރުހަލާ އިން ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް 138 މައްސަލަ ނިންމާފައިވާއިރު ޕްރިލިމިނަރީ ތަހުގީގު މަރުހަލާއިން 786 މައްސަލަ ނުނިމި އޮތް ކަމަށް ދައްކައެވެ.

އޭސީސީއިން ތަހުގީގު ނިންމި މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފެންނަ ކަމަށް ނިންމައި މިދިޔަ އަހަރު ޕީޖީ އޮފީހަށް ފޮނުވީ 18 މައްސަލައެވެ.

މިދިޔަ އަަހަރުގެ 15 މައްސަލައެއްގައި ހިމެނޭ 74،159،720.53 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ނިންމާފައިވާއިރު، އޭގެ ތެރެއިން ދައުލަތަށް ހޯދުނީ 234،531.57 ރުފިޔާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެއެވެ.

ދައުލަތުން ގެއްލޭ ފައިސާ ހޯދުމަކީ އޭސީސީން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެ މަސައްކަތް ކުރަން ޖެހެނީ އޭސީސީން މައްސަލަ ބެލުމަށްފަހު ފޮނުވާ އިދާރާތަކުންނެވެ. އެހެންނަމަވެސް، އެ މަސައްކަތް ކުރެވެނީ އޭސީސީން ކުރާ ތަހުގީގުގެ މައްޗަށް ބިނާކޮށެވެ.

މިދިޔަ އަހަރު ޖުމްލަ 39 އިދާރާއަކުން އިސްލާހު ކުރަން ޖެހޭ ކަންކަން ވެސް އޭސީސީން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބައްލަވާ ތިޔައީ ކޮންކަހަލަ ހިދުމަތެއް ދޭތަނެއްތޯ ؟ އަޅުގަޑަށް އަދި މިއެގުނީ ތިޔައީ ހިދުމަތެއް ދޭތަނެއްކަން ، ތިޔަތަނުން ދެއްވާ ހިދުމަތަކީ ކޮބައިތޯ ؟؟

  2. ސުވާލެއް

    އޭސީސީ ހިންގުމަށް ދައުލަތުން އަހަރެއްގެ މައްޗަށް ކުރާ ހޭދައާ އޭސީސީގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް އަހަރަކު ހޯދޭ ނުވަތަ ހޯދުމަށް ޝަރީޢަތަށް ހުށަހެޅޭ ފައިސާގެ އަދަދާ ހުރި ގުޅުމަކީ ކިހާވަރެއްތޯ ކޮންމެވެސް ފަރާތަކުން ދިރާސާއެއް ކުރައްވާފައި ޝާއިޢުކުރެއްވިއްޔާ ކޮންކަހަލަ މަންޒަރެއް ފެންނާނެބާ؟ މިސާލަކަށް: އޭސީސީއަށް އަހަރަކު ޚަރަދުކުރި ކޮންމެ މިލިއަން ރުފިޔާއަކަށް ކިތައް ރުފިޔާ އޭސީސީގެ މަސައްކަތުން ދައުލަތަށް ހޯދައިދެވޭ ކަމަށް ދައްކާފާނެބާ؟

  3. ސުވާލެއް

    އޭސީސީ ހިންގުމަށް ދައުލަތުން އަހަރެއްގެ މައްޗަށް ކުރާ ހޭދައާ އޭސީސީގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް އަހަރަކު ހޯދޭ ނުވަތަ ހޯދުމަށް ޝަރީޢަތަށް ހުށަހެޅޭ ފައިސާގެ އަދަދާ ހުރި ގުޅުމަކީ ކިހާވަރެއްތޯ ކޮންމެވެސް ފަރާތަކުން ދިރާސާއެއް ކުރައްވާފައި ޝާއިޢުކުރެއްވިއްޔާ ކޮންކަހަލަ މަންޒަރެއް ފެންނާނެބާ؟ މިސާލަކަށް: އޭސީސީއަށް އަހަރަކު ޚަރަދުކުރި ކޮންމެ މިލިއަން ރުފިޔާއަކަށް ކިތައް ރުފިޔާ އޭސީސީގެ މަސައްކަތުން ދައުލަތަށް ހޯދައިދެވޭ ކަމަށް ދައްކާފާނެބާ؟؟