ރާއްޖޭގައި ދިރާސާތައް ހަދާ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިންވަރުންނަށް އޮންލައިންކޮށް ފޮތްތައް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި އޮންލައިން ރީސާޗް ފެސިލިޓީއެއް ރާއްޖޭގައި ނެތުމާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިކަމަށް ހައްލެއް ގެނައުމަށް ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއިވެސް ވާހަކަދެކެވިފައިވާ ކަމަށެވެ.

"އޮންލައިން ލައިބްރަރީސް ހުރޭ ވަރަށް ރީސާޗްއަށް، އެ އޮންލައިން ލައިބްރައީސް ރާއްޖޭގެ ހުރިހާ އިންސްޓިޓުއުޓްތަކާއި ކޮލެޖްތަކަށް ޝެއާ ކުރެވޭ ކަހަލަ ވާހަކައެއް އަޅުގަނޑުމެން މި ދަނީ ދައްކަމުން،". ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އެ ފުރުސަތުތައް ހުރިހާ ޒުވާނުންނަށާއި، އަދި މަތީ ތައުލީމް ކުރިއަށް ގެންދާ ބޭފުޅުންނަށް ހުޅުވާލެވޭނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއަށް އެކްސެސް ލިބޭ ގޮތަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ރާއްޖޭގައި ރީސާޗް ގްރާންޓެއް ގާއިމް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ. އަދި މި ސެކްޝަން ގާއިމް ކުރެވުމުން، އޭގެ ތެރެއިން އޮންލައިން ލައިބްރަރީސްއަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ވިސްނުން އެބަ ހުރި ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެއީ ރިސާޗް އެކި ދާއިރާތަކުން ހަދަންޏާ ރީޑިންގގްސް ބޭނުންވާނެ، މި ޒަމާނުގައި އޮންލައިންކޮށް ހުރުމަކީ މުހިންމު ކަމެއް، ފިޒިކަލް ފޮތްތައް ވަރަށް އަގުވެސް ބޮޑު، އަޅުގަނޑުމެންގެ ވިސްނުން ހުރީ ބޮޑަށް އޮންލައިންކޮށް ފޮތްތަކަށް ބޮޑަށް އެކްސެސް އެރުވުން، އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ފުރުސަތެއްގެ ތެރެއިން މިކަންތަައް ގާއިމް ކުރާނަން،". ވަޒީރު ވިދާޅުވިއެވެ.