ޖަމިއްޔާތަކަށް ފަންޑު ދޫކުރުމުގެ އުސޫލު އަންނަ ހަފްތާގައި އާންމު ކުރައްވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަދައްވަމުން ރޭ އަސްވާޑް ވިދާޅުވީ ވުޒާރާއާ ހަވާލުވެގެން އެ މަސައްކަތް ފެއްޓެވި ކަމަށެވެ. އަދި ޖަމިއްޔާތަކަށް ފަންޑު ދޫކުރުމުގެ އުސޫލު އަންނަ ހަފްތާގައި އާންމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވީ ރާއްޖޭގައި މިވަގުތު 2500ށްވުރެ ގިނަ ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 500ށްވުރެ ގިނަ ޖަމިއްޔާތައް ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ޖަމިއްޔާއަކީ ވެސް އެ ޤައުމުގެ ހިންގުމުގެ ދުވެލި ބާރު ކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އަދާ ކުރާ ބައެއް ކަމަށާއި ކޮންމެ ބަޔަކު ވެސް ޖަމިއްޔާ ހަދަނީ ވަރަށް މާތް މަޤްސަދެއްގައި ކަމަށް ވެސް އަސްވާޑު ވިދާޅުވިއެވެ.

ނަމަވެސް ވަކި ހިސާބަކުން މަސައްކަތްތައް މަޑުޖެހިގެންދާކަން ފާހަގަކުރައްވަމުން އަސްވާޑު އިތުރަށް ވިދާޅުވީ ޖަމިއްޔާތަކަށް އެންމެ ބޮޑު ދަތިކަމަކީ ހަރަކާތްތެރިވެވޭނެ ތަނެއް ނެތުން ކަމަށާއި އެކަމަށް ވަގުތީ ހައްލެއް ހޯދުމަށް ނެޝެނަލް ލައިބްރަރީގައި ޖަމިއްޔާތަކަށް ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"އެންމެ މުހިންމު ކަމަކަށް ފެންނަނީ ޖަމިއްޔާތަކަށް ދާއިމީ ހައްލެއް ޖެހޭ، ޖަމިއްޔާތަކަށް ދެވޭ ފައިސާ އަކީ އެކަށީގެންވާ އަދަދު ނޫން ކަމަށް ޤަބޫލު ކުރަން، އާމްދަނީ ލިބޭނެ ރަނގަޅު ނިޒާމެއް އަދި ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،". އަސްވާޑު ވިދާޅުވިއެވެ.

ރާއްޖޭގައި ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމަށް ބޭނުން ކުރަމުން އައި "މީސް ޕޯޓަލް" ބޭނުން ކުރުން މިދިޔަ ސަރުކާރުން ވަނީ ހުައްޓާލާފައެވެ. އަދި އީމެއިލް މެދުވެރިކޮށް ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

އެހެންނަމަވެސް މީސް ޕޯޓަލްއަކީ ރާއްޖޭގެ ކުޅިވަރު ގާނޫނު އަދި މަދަނީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން އެ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ކުޅިވަރު ކްލަބް، އެސޯސިއޭޝަން، އެކަޑަމީ އަދި މަދަނީ ޖަމިއްޔާތަކުގެ މައުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި ތަރައްގީ ކުރި އޮންލައިން ޕޯޓަލެކެވެ.