ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑު މެންބަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ މުޙައްމަދު އާޒާދުއާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާ ކުރުމާއި އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ޕީސީބީގެ މެންބަރު ކަމަށް ރައީސް އައްޔަން ކުރެއްވި ފަރާތަށް، މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ޕީސީބީގެ ބޯޑު މެންބަރު ކަމަށް ރައީސް އައްޔަން ކުރައްވާފައިވާ އާޒާދުއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އާޒާދުއާ ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅާނަމަ އަންނަ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ޝަކުވާ ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެއެވެ. އަދި، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަމްބަރު އެނގޭނެ ގޮތަށް ކޮމިޓީގެ އީމެއިލް ނުވަތަ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ވަނީ އެދިފައެވެ.