ދިވެހިރާއްޖޭގެ ޖީޑީޕީ ދަށް ވަނީ ލަގްޒަރީ ރިސޯޓުތަކުން ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މިސްރާބު ބަދަލުވަމުންދާތީ ކަމަށް ބުނެ ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން ދެކޮޅު ހަދައިފިއެވެ.

ވޯލްޑް ބޭންކުން، މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 5.2 ޕަސެންޓުން 4.7 ޕަސެންޓަށް ދަށްކުރީ މި މަހު އެ ބޭންކުން ނެރުނު "ސައުތު އޭޝިއާ ޑެވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައެވެ.

އިގްތިސާދު ކުރިއަރާނެކަން ލަފާކުރި ވަރު ދަށްކުރީ މައިގަނޑު ގޮތެއްގައި މަތީ ފެންވަރުގެ ރިސޯޓްތަކުން އެއަށްވުރެ އަގުހެޔޮ ގެސްޓްހައުސްތަކަށް ފަތުރުވެރިކަމުގެ ހަރަކާތްތައް ބަދަލުވަމުންދާތީ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މާޓާޓޯއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޖީޑީޕީ ދަށްވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިމާންޑާއި ހިދުމަތް ދެވޭ މިންވަރުގެ މެދުގައި ހުރި ބޮޑެތި ފަރަގުތަކެއްގެ ސަބަބުން ކަމަށެވެ.

ނަމަވެސް، މަޓާޓޯއިން ވަނީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރިއާޔަތް ކޮށްފައިވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާ ހަމައަށް ހުރި ތަފާސްހިސާބުތައްކަން ފާހަގަކޮށް، އެ ތަފާސްހިސާބުތަކުން އަހަރުގެ ފުރިހަމަ މަންޒަރު ނުފެންނާނެ ކަމަށް ވެސް ބުނެފައެވެ.

ވޯލްޑް ބޭންކުގެ އެސެސްމެންޓާއި ޚިލާފަށް މަޓާޓޯއިން ދެކެނީ ޖީޑީޕީގެ ކުރިއެރުން ދަށްވުމަކީ ހަމައެކަނި އެ ބަދަލަށް ނިސްބަތްވާ ކަމެއް ނޫން ކަމަށް މަޓާޓޯގެ ބަޔާނުގައިވެއެވެ. އޭގެ ބަދަލުގައި ދަށަށް ދިއުމުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑާއި ދެމެދުގައިވާ ބޮޑު ތަފާތު ކަމަށް މަޓާޓޯއިން ބުނެއެވެ. މީގެ އިތުރުން، މުޅި ސިނާއަތުގައި އެވްރެޖް ޑެއިލީ ރޭޓްސް (އޭޑީއާރު) ދަށްވެފައިވާކަމާއި އިތުރުވެފައިވާ ސަޕްލައިއަށް ހައްލެއް ހޯދުމަށް ވިސްނުންތެރި މާކެޓިން މަސައްކަތްތަކެއް ނުކުރެވޭކަމަށް މަޓާޓޯއިން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖޭގައި ހުރި 62،822 ޓޫރިސްޓު އެނދުގެ ތެރެއިން އަހަރުގެ ތެރޭގައި ހިދުމަތް ހޯދާފައިވާ އެނދުގެ ނިސްބަތް އުޅެނީ 51 އިންސައްތައިގައި ކަމަށާއި ދުނިޔޭގެ އިންފްލޭޝަން އުފުލުމާއި ކޮވިޑުގެ ސަބަބުން 2021 ގެ ބޮޑު ބަޔަކާ ހަމައަށް ބަންދުކޮށްފައި ހުރި ދުނިޔޭގެ އެހެން ފަތުރުވެރިކަމުގެ ހިދުމަތްދޭ ރާއްޖެއާ ވާދަވެރި "ބީޗު" މަންޒިލުތައް އަލުން ހުޅުވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ވާދަވެރިކަން ބޮޑުވިކަން ވެސް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.

މަޓާޓޯއިން ވަނީ ފަތުރުވެރިކަމުގެ މާކެޓްގެ ކަންކަން ތަރައްޤީވަމުން އަންނަ ގޮތާއި ވަރުގަދަ ވާދަވެރިކަމުގެ މަންޒަރު ފެންނަމުންދާ މި މާހައުލުން ދައްކުވައިދެނީ އެ މުހިންމު ސިނާއަތުގެ ދިގުމުއްދަތުގެ ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އައު ވިސްނުމާއި ހިޔާލުތަކުގެ މުހިންމުކަން ކަމަށް ވެސް ބަޔާނުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުލާނު

    ތީގަ ހިމެނެން ޖެހޭނެ މާޅޮހު ގެސްޓްހައުސްއަކުން އެމީހުންގެ ޕްރޮމޯޝަނަށް ދޮންފަނުގެ ބީޗްގެ ފޮޓޯ ވިއްކުމުގެ ދޮގުވެސް .

  2. ސާގު

    މިތާގަ ތިބޭ ޓުމާޓޯ އިކޮނޮމިސްްޓުން މާ މޮޅުވާނެ. އެހެންވެ ރާއްޖޭގެ ދަރަނިވެސް އެއޮތީ ޖީޑީޕީއިން މަތީގަ.

    1
    1
  3. ޖާބިރު

    ތޭންކްސް ޓު އަންނި.

    3
    1
  4. އޭނާ

    ވޯލްޑްބޭންކަކީ އަބަދުވެސް ޔަހޫދީންބޭނުންވާގޮތައް ބަޔާންތައްނެރޭބައެއް. މިމީހުންމިފަހަރުމިގޮތައްމިބަޔާން މިނެރުނީ ޗައިނާއާ ތުރުކީފަދަޤައުމުތައް އިޤްތިސާދީގޮތުން އެހީތެރިވާތީވެ. މިދެޤައުމަކީ ޔަހޫދީންގެކޭމްޕްގެބަޔަކައްނުވާތީ. އަދިފާޅުގައިޒްރެއިލްއައްފާޑުކިޔާތީ.

  5. ރުބޭ

    ދެކޮޅު ވިޔަސް މައްޗެއް ނުވާނެ ޙަޤީޤަތް ޤަބޫލުކުރޭ

  6. Anonymous

    ދިވެހިރާއްޖޭގައި ގިނަ ރިސޯޓް ހިންގަނީ ބޭރުމީހުން، ގެސްޓު ހައުސް ހިންގަނީ ދިވެހިން، ބޭރުމީހުންގެ ވިޔަފާރީގެ ފައިދާ ކުޑަ ވާތީ ޔަހޫދީ ވޯލްޑުބޭންކު މީހުން މެދުވެރިކޮށް އެއްޗެއް ބުނުވާލީ، ތިޔަ ވޯލްޑު ބޭންކަކީ ދޮގު ރިޕޯޓް ނެރޭތަނެއް! ކުދި ޤައުމުތަށް އަޅުވެތި ކުރަން ރިބާ ލޯނު ދޫކުރާތަނެއް، ޔަހޫދީ މާފެޔާ މީހުން ހިންގާ އައްޑާއެއް !