ޔޫއޭއީގެ އަލް އައިން ސަރަޙައްދުގެ ވެރިޔާ އައްޝައިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަވަހާރާވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެެވެ.

ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޔޫއޭއީގެ ރައީސަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޔޫއޭއީގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

"އެމަނިކުފާނުގެ ލީޑަރޝިޕާއި ބުއްދިވެރިކަމުގެ ލެގަސީ ޔޫއޭއީއަށާއި މުޅި ދުނިޔެއަށް ވެސް ހިތްވަރު ދެއްވާށި! މާތް الله މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަމީން." ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

އުމުރުފުޅުން 82 އަހަރުގައި ޝައިހް ތަހްނޫން އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ޝެއިޚް ތަހްނޫން އަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ. އަދި ޝައިހް ތަހްނޫނަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ވަރަށް އަރިސް ބޭފުޅެއްވެސް މެއެވެ. ޝައިހް ޒައިދުގެ ޒައާމަތުގައި ޝައިހް ތަހްނޫން ވަނީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

ޝައިހް ތަހްނޫން ކައިވެނި ބައްލަވައިގަތީވެސް ޝައިހް ޒައިދުގެ ކޮއްކޯފުޅަކާ ކަމަށްވާއިރު އެމަނިކުފާނުގެ އަވަހާރަވިއިރު ފިރިހެން 10 ބޭފުޅަކު ދުނިޔޭގެ އެބަތިއްބެވިއެވެ.

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ދިދަތައް ބައިދަނޑިއަށް ތިރިކޮށް ރަސްމީ ހިތާމައިގެ 40 ދުވަސް އޮންނާނެ ކަމަށާއި ފެޑެރަލް އަދި ލޯކަލް ލެވެލްގެ ވުޒާރާތަކާއި ރަސްމީ އިދާރާތަކާއި ޕްރައިވެޓް ސެކްޓާ ތިން ދުވަސް ބަންދުކުރާނެ ކަމަށް ޔޫއޭއީގެ ރިޔާސީ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.