އަންނަ މަހު ވެސް ވެސް ގޭގެ ކަރަންޓް ބިލުތައް ބޮޑުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ "ރާއްޖެ މިއަދު"ގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ހޫނު މުސުމަށް ކަރަންޓް ބިލު ބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުންވެސް އަދި މިމަހު އެކަންޏެއް ނޫން. މިއަންނަ މަހުވެސް ހަމަ އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާގޮތުން ކަރަންޓް ބިލު ބޮޑުވާނެކަމަށް އަޅުގަނޑުމެން މިބަލަނީ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެކުންފުނިން ބެލުމުން ވެސް މި މަހުގެ ކަރަންޓް ބިލު އެހެން އަހަރުތަކާއި ހިލާފަށް ބޮޑުކަން ފާހަގަވެފައިވާ ކަމަށާއި އެހެންނަމަވެސް ބިލް ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެން ނޫން ކަމަށެވެ.

ރާއްޖޭގެ މިފަހުގެ ތާރީހުގައި އެންމެ ބޮޑަށް ހޫނުވި މަހަކީ މިދިޔަ މަހާއި މި މަސްކަން ފާހަގަކުރެއްވިއެވެ. ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބިލު ބޮޑުވެގެން އުޅޭކަމަށް ވިދާޅުވިއެވެ.

އަންނަ މަހުގެ ކަރަންޓް ބިލުވެސް ބޮޑުވާނެ ކަމަށް ފަހުމީ ވިދާޅުވީ ސަރުކާރުން ބިލްތަކަށް ޑިސްކައުންޓްތަކެއް ދިންނަމަވެސް ކަރަންޓްް ބިލުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް ބުނެ ރައްޔިތުން ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ސްޓެލްކޯ އިން ވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް، ކަރަންޓް ހޫނު މޫސުމުގައި ބޮޑުވާން ދިމާވާ ސަބަބު އޮޅުން ފިލުވައިދީފައެވެ. އެގޮތުން ސްޓެލްކޯ އިން ވަނީ ނޭނގި ނަމަވެސް ދިރިއުޅުމުގެ ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން ބިލް ބޮޑުވާކަމަށް ބުނެފައެވެ. އެގޮތުން އޭސީ އަދި ފްރިޖް އަކީ ކަރަންޓު އެންމެ ބޮޑަށް ހިނގާ ދޭތިކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ހޫނު މޫސުމުގައި އެ އެއްޗެހިން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށެވެ.

މިދިޔަ މަހާއި މި މަހަކީ ރާއްޖެއަށް ވަނީ ހޫނު ގަދަ ދުވަސްވަރެކެވެ. އެގޮތުން ހޫނުމިން 46 ޑިގްރީއަށް ވެސް އެރިއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މާރިޗް-އޭޕްރީލްއަކީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ތީވަރަށް ދެރަކަމެއް، ކޮންމެ މީހަކީ މިނިސްޓަރު ފެންވަރުގެ މުސާރަލިބޭމީހެއްނޫން، އެތައް ބަޔަކު ވަޒީފާއެއްނެތިފައި އެބަތިބި. ވަޒީފާލިބެނީ މޫނަށްބަލާފައި ދޭން ބޭނުން ބަޔަކަށް ، ގައުމުގެ ހާލަތު ރަނގަޅުވާނީ ދެން ކިހިނެތްތޯއޭ، ގައުމު ބިނާކުރަން އަދި މީހުން ބިނާކުރަނީ އަމިއްލައެދުން.

  2. މާމީ

    ސަރުކާރު ބަދަލުވީމަ ހުރިހާ އެއްޗެއްގަ ވެސް އަގު ބޮޑު ވާގޮތް އެގޭ

  3. އައިޝާރ

    ރޯދަ މަހު ކުޑަ ކުރި ތަން އަތުލާފަ ހުރީ މިމަހު ބިލުން ވެސް

  4. ޝެއިޚް އަޖުމަލް.

    ކަރަންޓް ކަޑާފަ ހުއްޓަސް، ފައިސާ އަރާ. ބަލަ ހޫނު ވިޔޭ ، ކިޔާފަ އޭސީ ނުޖައްސާ ގެތަކުގަ ކީއްވެ ބިލްބޮޑް ވަނީ. ރަގަޅުވާނީ އެމްޑީ އިސް ތިއުފާ ދިނުން. 800 ރ އެރި ބިލަށް 3000ރ އެރީމަ، ނުކާ ތިބެންހެހެނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން އޮފީސްތަކުގަ ބޭނުން ވަރަކަށް އޭސީ ލައިގެން، ބިލް ދައްކާ ސްޓެލްކޯ ހިންގީމަ އޯކޭ . އެއްނުން. މިރީޖަނުގަ އެންމެ އަގު ބޮޑް ކަރަންޓް ރާއްޖޭގައި. ކީއްތަ ތިކުރަނީ. ތިއީ ރައީސް ޑރ މުއިއްޒު ބޭނުންވާ ގޮތެއްނޫން.