އައިޖީއެމްއެޗްގައި ކުރިން މަސައްކަތް ކުރެއްވި ޑރ. ރަމްޝާ އާމިނަތު ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރަމްޝާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި ބެންކޮކްގައެވެ.

ރަމްޝާ ނިޔާވުމާއި ގުޅިގެން ރައީސް މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރެއް ކަމަށްވާ ރަމްޝާ ނިޔާވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ. ރައީސް ވަނީ ރަމްޝާގެ ހިދުމަތްތާއި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމަށެވެ. އަދި ރަމްޝާއަކީ ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން." ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ކެންސަރު ބަލީގައި ޑރ. ރަމްޝާ ނިޔާވިއިރު، އޭނާ އަކީ ކެންސާ ސޮސައިޓީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މީހެކެވެ. އަދި އޭނާ ވަނީ ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.