މިއަދަކީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށުން ހިންގަމުން އަންނަ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސްއަށް ހަތް އަހަރު ފުރުނު ދުވަހެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ މި ދުވަސް ޕީއެސްއެމް ނިއުސް އިތުރަށް ހާއްސަ ވެެގެން ދިޔަ ކަމަކީ ޓީވީއެމްގައި އަހަރުތަކެއް ކުރިން މަސައްކަތް ކުރަމުން ދިޔަ މަޝްހޫރު މޫނުތައް މިއަދު ހަބަރުތަކުން ފެނިގެން ދިއުމެވެ.

އެގޮތުން މިއަދު ހެނދުނު 10:00ގެ ހަބަރުން ފެނިގެން ދިޔައީ ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ސުލައިމާނެވެ. މިހާރު އަމިއްލަ ސްޓޫޑިއޯއެއް ހިންގަމުންދާ ސުލައިމާނަކީ މީގެ 16 އަހަރު ކުރިން ޓީވީއެމްގައި މަސަައްކަތް ކުރަމުންދިޔަ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. ގިނަ އަހަރުތަކެއް ވަންދެން ވީޓީވީގައިވެސް މަސައްކަތް ކޮށްފައިވާ ސުލައިމާން 16 އަހަރު ފަހުން ޓީވީއެމްގެ ސްކްރީނަށް އައިސްފައި ވަނީ ޕީއެސްއެމް ނިއުސްގެ މި ހާއްސަ ދުވަހާއި ގުޅުވައިގެންނެވެ.

ސުލައިމާން ޕީއެސްއެމްގެ ސްޓޫޑިއޯގައި

މިއަދު މެންދުރު ޕީއެސްއެމްގެ އިނގިރޭސި ހަބަރު ކިޔާފައި ވަނީ ޑރ.އައިޝަތު ސިޔާދާ ސައީދެވެ. މިހާރު ޓްރީޓޮޕް ހޮސްޕިޓަލްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވާ ޑރ. ސިޔާދާ މީގެ ކުރިން ވަނީ ޓީވީއެމްގެ ހަބަރު ގަޑިތަކާއި ޝޯވތަކުން ފެނިގެން ގޮސްފައެވެ.

ސިޔާދާ ޓީވީއެމް ސްޓޫޑިއޯގައި

މިއަދު 13:30 ގައި ގެނެެސްދިން ޕީއެސްއެމް ނިއުސްގެ ކުޅިވަރު ހަބަރުތަކާއެކު ބައްދަލު ކުރީ ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަަޒްމީންއެވެ. 2005 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވާ މި ނޫސްވެރިޔާ މިއަދު ޕީއެސްއެމްގެ ނިއުސްގެ ހަބަރުތަކުން ފެނިގެން ދިއުން ވާނީ ގިނަބަޔަކު ޝައުގުވެރިވާނެ ކަމަކަށެވެ.

ކުޅިވަރު ނޫސްވެރިޔާ އަޒްމީން ޕީއެސްއެމް ސްޓޫޑީއޯގައި

މިއަދު ޕީއެސްއެމްގެ 2:00ގެ ހަބަރުން ފެނިގެން ދިޔައީ މަރިޔަމް ވަހީދާއެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ޓީވީއެމްގެ ހަބަރުން ފެނިގެން ދިއުމަކީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. 13 އަހަރު ފަހުން އޭނާ ޕީއެސްއެމްގެ ނިއުސްގެ 2:00ގެ ހަބަރުގެ އިތުރުން، 7:00 ޖަހާއިރު ގެނެސްދިން އިނގިރޭސި ހަބަރު ހުށަހަޅައިދިން އެންކަރަކީވެސް މަރިޔަމް ވަހީދާއެވެ. އޭނާގެ އަޑަކީ މިހާރުވެސް އެތަައް ދިވެހިން ބަލައިގަނެފައިވާ އަޑެކެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި މަރިޔަމް ވަހީދާ

ޕީއެސްއެމް ނިއުސްގެ ހަވީރު 16:00ގައި ހަބަރުން ފެނިގެން ދިޔައީ ހަސަން ޒިޔާއުއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މަގާމުވެސް ފުރުއްވަމުން ގެންދަވާ ހަސަން ޒިޔާއު މިއަދު ހަބަރުން ފެށިގެން ދިޔައީ ހަތް އަހަރު ފަހުންނެވެ. އޭނާއަކީ ކުރިން ޓީވީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޒިޔާއު ޓީވީއެމް ސްޓޫޑިއޯގައި

ޕީއެސްއެމް ނިއުސްގެ މިރޭގެ 8:00ގެ ހަބަރުން ފެނިގެން ދިޔައީ އަހްމަދު ޝަކީބް (ޝަކީބެ)އެވެ. މީގެ 15 އަހަރު ކުރިން ޓީވީއެމްގެ ހަބަރުތަކުންނާއި ޝޯވތަކުން ފެނިގެން ދިޔަ ޝަކީބެގެ އަޑަކީ ގިނަބަޔަކަށް ކަމުދާ އަޑެކެވެ.

ޕީއެސްއެމްގެ 8ގެ ހަބަރުން ޝަކީބެ

މިއަދު ޕީއެސްއެމްގެ ހަބަރުތަކުން ކުރީގެ މޫނުތައް ފެނިގެން ދިޔައިރު، ޕީއެސްއެމްގެ ނިއުސް ހެޑް އަމީން ވިދާޅުވީ، ބޭނުމަކީ މީގެ އެތައް އަހަރެއް ކުރިން ޓީވީއެމްއަށް ހިިދުމަތް ކުރި މި ޕްރެޒެންޓަރުންނަކީ އަދިވެސް ދިވެހިން ބަލައިގަންނަ ބައެއްކަން ސާބިތުކޮށްދިނުން ކަމަށެވެ. އެގޮތުން މިކަން ކާމިޔާބުވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ ނިއުސް ހެޑް އަމީން މަރީއާއެކު

"ވަރަށް ޕޮޓިވްކޮށް މިކަން ވެގެން ދިޔައީ، ގިނަބަޔަކު އަޅުގަނޑުމެންނަށް ގުޅާފައި ބުނެފައިވެސް އެބަހުރި އެ މީހުން އަދިވެސް ހަބަރުތަކަށް އަރުވަން ބޭނުންވާ ވާހަކަ،".

އޭނާ ވިދާޅުވީ، މި ކުރެވެނީ ވަަރަށް ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިއީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ ހިދުމަތަކީ ބަލައިގަންނަން ޖެހޭ ކަމެއް، ރައްޔިތުންނަށްވެސް މިކަން މިވީ ބަލައިގަންނަ ކަމަކަށް،".

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބޫބޭ

    އޯކޭ މާޒިވެ ނިމިފަ ހުރި ސައްފާތައް އަލުން އަނބުރާ ނުގެނެވޭނެ

  2. ޜަޟީ

    މުސްލިމު ގައުމެއްގަ އަންހެނުން ހަބަރު ކިޔުމަކީ ކޮން ކަހަލަ ކަމެއް

  3. އަހާ

    މާމޮޅުކަމެއްތަ ތިކުރެވުނީ. 1 އަހަރުވާން ކައިރިވެފައިހުރި ބިލްތަކަށް ފައިސާ ދީބަލަ.

  4. Anonymous

    ޝަކީބު އަދި މަރިޔަމް ވަހީދާ ފެނުނީމާ ވަރަށް އުފާވި !

    14
  5. ކައުންސެލަރު 🙌

    ޝަކީއްބެ! ހަބޭސް އެވަރެއްނެތް

    17
    1
  6. މިރޭ

    އަސްލު ކުރީގެ އެންމެ މަޝްހޫރު އަދި ޚިދުމަތްތެރި މޫނު ތަކެއް ނުފެނޭ! ތިކަންވެސް ސްޓަންޓަކަށް ވެގެން ތި ދިޔައީ!!!!!!

  7. ޢާލް

    ބަދިގޭގައި ހުއްޓާ ޝަކީއްބެ ޚަބަރު ކިޔާ އަޑު އިވިގެން އައިސް ބަލާލީ، ހިތަށް އެރި ޝަކީއްބެ ދެން މިހާރު ޚަބަރެއް ނުކިޔާނޭ. އެކަމަކު ޝަކީއްބެ ޚަބަރު ކިޔަން އިންދާ ފެނުނީމަ ވަރަށް އުފާވި. ޙަމަ ޅަދުވަސް ހަނދާންވީ.
    ވަރަށް ފައްކާ ކަމެއް މީ. ޝުކުރިއްޔާ ޕީއެސްއެމް.

  8. ތައުފީްް

    ތަފާތު ވަރަށްވެސް ބޮޑު. އަޑު އަހާލަން ފަސޭހަ ބަސްތައްރީތި ކޮލިޓީ. މިހާރުގެ ކުދިންނަށް ގިނަ ޓްރެއިނިންގ ބޭނުންވާ ކަމަށް އިހްސާސްވޭ