އީޔޫ އަކީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި ސާބިތު ބައިވެރިއެއް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޔޫރަޕް ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޔޫރަޕިއަން ޔޫނިއަންގެ ލީޑަރޝިޕާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމުން މިއަދު ފޮނުއްވި މެސެޖުގައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ރާއްޖެއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމަށް މިއަހަރު 41 އަހަރު ފުރުން މިއަހަރު ފާހަގަކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އީޔޫ އަކީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި ސާބިތު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ޔޫނިއަންއެއް ކަމަށާއި، ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެއް ކަމަށެވެ.
ހާއްސަކޮށް ހެޔޮވެރިކަމާއި ގްރީން ރިކަވަރީއަށް އީޔޫއިން އިސްނަގައިގެން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކުގެ ފައިދާ ރާއްޖެއަށް ލިބެމުންދާ ކަމަށާއި އުންމީދު ކުރައްވަނީ، އީޔޫއާއެކު މިހާރު އޮތް މި ޕާޓްނަރޝިޕް އިތުރަށް ފުޅާވެގެންދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ޔޫރަޕިއަން ޔޫނިއަން އޮބްޒާވާ މިޝަންގެ ބޭފުޅުންނާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަން އޮބްޒާވާ މިޝަންއަށް ދެއްވާފައެވެ.