ޣައްޒާ އަށް އެެހީވެއްދުމަށް މިހާރަށް ވުރެ ހަރުދަނާކޮށް އިސްރާއީލުން އަމަލުކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.

ބޮރެލް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން މީހުން ޒަރޫރީ އެހީތަކުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ޣައްޒާގެ ހާލަތުދަނީ ގޯސްވަމުން ކަމަށާއި، މިކަމުން އަރައިގަނެވޭނީ އަވަހަށް ފަލަސްތީނުގެ ޣައްޒާ އަށް އެހީގެ ޓުރަކްތައް ވެއްދިގެން ކަމަށް ބޮރެލް ވިދާޅުވިއެވެ.

މަޝްހޫރު މީސްމީޑިއާ އެޕް، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބޮރެލް ވިދާޅުވެފައިވަނީ ޣައްޒާގެ ހާލަތާއިމެދު ކަންބޮޑުވާ ހުރިހާ ފަރާތްތަކުން ވެސް އަވަހަށް ޣައްޒާ އަށް އެހީ ވެއްދޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އިސްރާއީލުގެ ސަރުކާރަށް ބާރު އެޅުމަށާއި، މިހާރު ޣައްޒާއަށް ވަނުމަށް މަސައްކަތް ކުރަމުންދާ އެހީގެ ގާފިލާތަކަށް ހުރަސް ނޭޅުމަށް ގޮވާލުމަށެވެ.

އިސްރާއީލުން އެއްވެސް ސަބަބެއް ދެއްކުމަކާއި ނުލައި ގަސްތުގައި އެހީގެ ޓުރަކްތައް ޣައްޒާ އަށް ވަނުމަށް ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާ ބައެއް ޖަމިއްޔާތަކުން ވަނީ ކޮށްފައެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހު ހިނގި މިފަދަ ހާދިސާއެއްގައި ދުނިޔޭގެ ކާބޯތަކެތީގެ ޕުރޮގްރާމުން ފަލަސްތީނުގެ ޣައްޒާ އަށް ވައްދަން މަސައްކަތް ކުރި 14 ޓުރަކްގެ އަވަސް އެހީގެ ގާފިލާ ވެސް ޣައްޒާ އަށް ނުވައްދައި އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ބޯޑަރު ކައިރިން އަނބުރާ ފޮނުވާލާފައެވެ.

އދ ގެ ކާނާ އާއި ބެހޭ އެޖެންސީން ބުނެފައިވަނީ އެ ޖަމިއްޔާއިން އުތުރު ޣައްޒާ އަށް ކާބޯތަކެތި ވެއްދޭނެ މަގުތަށް ހޯދަމުންދާ ކަމަށެވެ. އަދި ބަނޑުހައިހޫނުކަމުގެ ކާރިސާ އަކުން ޣައްޒާ ސަލާމަތް ކުރެވޭ ވަރަށް އެހީ ވެއްދެން އޮތީ ހަމަ އެކަނި އެއްގަމު މަގުން ކަމަށާއި، ނަމަވެސް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން އެކަމަށް ހުރަސް އަޅަމުންދާ ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ޔަހޫދީންނަކީ އިންސާނިއްޔަތަށް ހުރި ބަލާވެރިކަމެއް! ޤަބޫލުނުކުރެވެންޏާ ޔޫރަޕުން އެމީހުންގެ ބިމުގައި ޔަހޫދީ 2 ވަނަ ދައުލަތެއް ޤާއިމޮކޮށްދީބަލަ! ޔޫރަޕު މީހުންނަށް ހޭއަރުވާލާނެ! އެވަރު ބަޔަކުންނަށް އެހީވާން ހެޔޮނުވާނެ!