ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ޔޫކުރޭނަށް އަސްކަރީ އެހީ ދީފިއެވެ.

ޔޫކުރޭނުން އެ ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ދިފާއުކުރުމަށް ރަޝިއާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެގައުމަށް އެހީވުމަށް ޓަކައި ޔޫރަޕްގެ ގައުމުތަކުގެ މައްޗަށް އެކުލެވޭ ޔޫރަޕިއަން ޔޫނިއަނުން ވަނީ ޔޫކުރޭނަށް 5 ބިލިއަން ޔޫރޯ ( 5.48 ބިލިއަން އެމެރިކާ ޑޮލަރު) ގެ އަސްކަރީ އެހީ ދޭން ނިންމާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހައި ރިޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ޖޯސެފް ބޮރެލް ވިދާޅުވެފައިވަނީ ޔޫރަޕިއަން ޔޫނިއަން އިން ޔޫކުރޭނަށް ވި ވައުދު ފުއްދިއްޖެ ކަމަށާއި، އަދި ކައިރި މުސްތަގުބަލެއްގައި އިތުރު 5 ބިލިއަން ޔޫރޯގެ އަސްކަރީ އެހީއެއް ވެސް ޔޫކުރޭނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އަސްކަރީ ތަޖުރިބާކާރުންނާއި ޔޫކުރޭނުގެ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި އަސްކަރީ އެހީ އަކީ ޔޫކުރޭނުގެ އަސްކަރީ ފައުޖުތަކަށް މިހާރު ވަރަށް މުހިއްމު އެހީއެކެވެ. އެއީ ޔޫކުރޭނުގެ އަސްކަރިއްޔާ އިން ހަތިޔާރު ހުސްވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީއެވެ.

މި އަހަރު ފެށުނީ ދެ ގައުމުން ވެސް ވަރަށް ގަދައަށް ހަނގުރާމަ ކުރަމުންނެވެ. އެގޮތުން ދެ ގައުމުން ވެސް ދެމުން އަންނަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޔޫކުރޭނުން ހަނގުރާމައިގައި މިސްރާބް ބަދަލުކޮށްލަން ބޭނުން ކުރީ ޑުރޯނެވެ. ރަޝިއާގެ މޮޅަށް ތަމްރީނު ވެފައިވާ ސިފައިންނާއި ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލުމުގެ ޤާބިލްކަން ނެތުމުން، ޔޫކުރޭނުގެ ފައުޖުތައް ވަނީ ފަހަތަށް ޖެހި ޑުރޯން ބޭނުން ކޮށްގެން ރަޝިއާގެ އެކި ހިސާބުތަކަށް ހަމަލާދޭން ފަށާފައެވެ. މި ގޮތުން ރަޝިއާގެ އިގުތިޞާދަށް އެންމެ މުހިއްމު އެ ގައުމުގެ ތެޔޮ ވަޅުތަކަށް ޔޫކުރޭނުން ޑުރޯން ބޭނުން ކޮށްގެން ވަނީ އެތައް ހަމަލާއެއް ދީފައެވެ. މި ކަމުގެ ސަބަބުން ރަޝިއާގެ ތެޔޮ އުފެއްދުމުގެ ގާބިލް ކަމަށް ބުރޫ އަރައި އެ ގައުމުން ތެޔޮ އުފައްދާ މިންވަރު ދަށްވިއެވެ.