ދަރިފުޅުގެ ކުރިމަތީގައި އަނބިމީހާއަށް އަނިޔާކޮށް، ދަރިފުޅަށްވެސް އަނިޔާކުރި މީހަކު ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްހުކުމް ކުރީ ކ. ކާށިދޫ، މަލަސް އިބްރާހިމް ސިރާޖުގެ މައްޗަށެވެ.

2020 ވަނަ އަހަރު ސިރާޖު ވަނީ އޭނާގެ ދަރިފުޅު ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމާ، ބުރަކަށްޓާ ދިމާލުން ވީދާލާ، ދަރިފުޅުގެ ބޮލުގެ ވާތްފަރާތުގައްޔާއި ކޯ މަތީގައި ދެފަހަރަކު ޖަހާފައެވެ. އަދި 2020 ވަނަ އަހަރު އާނޭގެ އަނބިމީހާ ކޮށްޕާލުމުން ސިޑިމައްޗަށް ވެއްޓިފައިވާއިރު، އެކި ދުވަސް މަތިން ދަރިންގެ ކުރިމަތީގައި އަނބިމީހާއަށް ސިރާޖު ވަނީ އަނިޔާކޮށްފައެވެ،

ސިރާޖުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާއެވެ. މި ދެ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމުން ކުރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދަބާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމުން ޝަރީއަތުގައި ސިރާޖު ބުނެފައިވަނީ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި ޤާޒީއަށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދިޔުމަށެވެ.

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގައި އިބްރާހިމް ސިރާޖުގެ މައްޗަށް ވަނީ 2 މަހާ 21 ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާ، އޭގެތެރެއިން ތަންފީޒު ކުރަންޖެހޭ އަދަބަކީ 1 މަހާ 29 ދުވަސް ކަމަށް ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅާފައިވަނީ އޭނާ މި މައްސަލައިގައި ފުލުހުންގެ ބަންދުގައި 22 ދުވަސް ހޭދަކޮށްފައިވާތީއެވެ.

މީގެއިތުރުން ދަރިފުޅަށް އަނިޔާކުރި މައްސަލައިގައި އިބްރާހިމް ސިރާޖުގެ މައްޗަށް ވަނީ 1 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި ރުޅި މައިތިރިކޮށް ރުޅިމަޑުކުރުމާ ގުޅޭ ފަރުވާ ދިނުމުގެ ހުއްދަ ސަރުކާރުން ލިބިފައިވާ ކައުންސިލަރެއްގެ ފަރާތުން 40 ގަޑިއިރުގެ ކައުންސިލިން ހޯދުމަށްވެސް އަމަރުކޮށްފައިވެއެވެ.