ބޯންމެރޯ ހަދަން ރާއްޖެއިން ބޭރަށް ފޮނުވި 5 ކުދިންގެ ތެރެއިން އިތުރުކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ހަދަން ރާއްޖެއިން ބޭރަށް ފޮނުވި 5 ކުދިންގެ ތެރެއިން 3 ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިމިފައިވާ ކަމަށާއި މި ތިންކުދިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ބާކީ ދެން ތިބި ދެ ކުދިން ބޯންމެރޯ ހެދުމަށްޓަކާ ހަދަންޖެހޭ ބައެއް ޓެސްޓުތައް ފަދަ ކަންކަން ކުރިއަށް ގެންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ބޯން ހަދަން ރާއްޖެއިން ބޭރަށް ފޮނުވި 5 ކުދިންގެ ތެރެއިން އިތުރު ކުއްޖެއްގެ އޮޕަރޭޝަން މިހާރު މިވަނީ ވަރަށް ކާމިޔާބު ކަމާއެކީ ނިންމާލެވިފައި، ބޯންމެރޯ ހެދި 3 ކުދިންގެ ހާލުވެސް ރަނގަޅު." ހަލީލު ވިދާޅުވިއެވެ.

ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުން ކުރާ މަސައްކަތުން ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދިގެންދާނެ ކަމަށް މީގެކުރިންވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާޓްގެ ފުރުސަތު ތެލަސީމިއާ ބަލީގެ 50 މީހަކަށް ދޭން ވަނީ ނިންމާފަ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ.

ރާއްޖޭގައި މި ވަގުތު ތެލެސީމިއާގެ 941 ކުދިން އެބަތިއްބެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ލޭ އަޅާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދީ، ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވާލުމަށް ރައީސް ވަނީ ނިންމަވާފައިވެއެވެ.