ރާއްޖޭގެ އަސްކަރިއްޔާއަށް ޗައިނާގެ ސަރުކާރުން އެހީތެރިކަން ފޯރު ކޮށްދޭން ނިންމަވައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ އެގައުމުން ރާއްޖެއަށް ވަމުން އަންނަ އެހީގެ ތެރެއިން އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވެފައިވާ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރަން ނިންމާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖޭގެ އަސްކަރިއްޔާއަށް އެހީތެރިކަން ދެއްވުމަށް ނިންމާފައިވާ ކަމަށް ސަފީރު ވިދާޅުވެފައެވެ. ރާއްޖޭގެ އަސްކަރިއްޔާއަށް މިނިސްޓްރީން އެދިލައްވާ ކޮންމެ އެހީތެރިކަމެއް ވެސް ދެެއްވާނެ ކަމަށާއި އޭގެ ތެރޭގައި ތަމްރީނާއި، ވަސީލަތްތައް ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

އެކި ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ވެސް މި ބައްދަލުވުމުގައި ސަފީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އިތުރުން ވެސް ރާއްޖޭގެ އަސްކަރިއްޔާއަށް ދަނީ އެކިއެކި ގައުމު ތަކުން އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އެގޮތުން ލަންކާއިންނާއި، އެމެރިކާއިންވެސް އަދި އިންޑިއާއިން ވެސް ދަނީ ރާއްޖޭގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ސަރުކާރުން ޗައިނާ އާއި ގާތް ގުޅުމެއް ދަނީ ބަދަހި ކުރަމުން އަންނައިރު، އެގައުމުން ދަނީ ރާއްޖޭގެ ތަރައްގީއަށް ގިނަ ގުނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ޗައިނާގެ ސަރުކާރުން ހިލޭ އެހީ ގޮތުގައިވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ރާއްޖޭގެ ނޫސްވެރިކަން ކުރި އެރުވުމަށްޓަކަައި ނޫސްވެރިންނާއި އަދި ރާއްޖޭގެ ސަރުކާރުގައި މަސައްކަތް ކުރާ ސިވިލްސާވަންޓުންނަށް ވެސް ތަމްރީނުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.