ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ރައީސް މައުމޫން އާއި ފާރިސް އަދި ފިރިކަލުން އަހުމަދު ނަދީމް މިއަދު ހަވީރު 5 ޖަހާއިރު ކޯޓަށް ހާޒިރުކުރާނެކަން ވަކީލުން އަންގާފައިވާ ކަމަށެވެ.

މި ތިން ބޭފުޅުން ކޯޓަށް ހާޒިރުކުރަން ނިންމާފައިވާއިރު، މި ތިން ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ހައިކޯޓާއި ކްރިމިނަލް ކޯޓަށް މައްސަލަ އެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މިއަދު ހުށަހަޅާފައެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސް މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. މީގެއިތުރުން ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.

ފާރިސް ޖަލަށްލާފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރި ކަމަށްބުނާ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލައިގައި ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށްވާއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނަދީމް ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫރު

    މިއަދު އެބޭފުޅުން ދޫކޮށްލާނެކަމަށް ބެލެވޭ، ރައީސް ޔާމިން މިކަމަށްބޭނުންފުޅުވާނެ. ރައީސް ޔާމިންގެ ޓަރމްހަމަވުމުގެކުރިން އެބޭފުޅުން ދޫނުކޮށްފިނަމަ ވެރިކަން ލިބުނުމީހުން އެކަންކުރަން ހަދާން ނެތިދާނެ.

  2. ޯދޮގެއްތަ؟

    އެމީހުން ދޫކޮށްލެިވިދާނެ އެކަމަކު އެމީހުން ޣައްދާރު ނުވާ ކަމަކަށް ނުވާނެ

  3. ބޮލި މުލައް

    ޔާމީން ބަންދުކުރި މީހެއްގެ ވާހަކައެއް މި ލިޔުމަކު ނެތް.

  4. ޢަބްދުއްލާ

    ނިކަމެތިން ޖަލުތަކުގަ ބައިތިއްބާފަ، މި ވެރިން އެކަނި ދޫކޮށްލީމަ ޤައުމަށް އިންސާފު ގެނެވުނީބާ.