މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަށް ސްރީލަންކާގެ ބޮޑުވަޒީރު ވިކްރަމްސިންހަ ފޯނުން ގުޅުވައި މަރުހަބާ ދަންނަވައިފިއެވެ.

ލަންކާގެ ބޮޑުވަޒީރު ވިކްރަމް އިބޫ އަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ ރިޔާސީ އިންތިހާބު އިބޫއަށް ކާމިޔާބުވުމާއެކު އިބޫ އަށް ވިކްރަމް ގުޅުއްވާ އިބޫ އަށް މަރުހަބާ ދަންނަވާ، ކުރިއަށް އޮތްތަނުގައި ރާއްޖެއިން ސްރީލަކާގައި އެދޭ ކޮންމެ ކަމެއްވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގައި އިބޫ ހޯއްދެއްވި ކާމިޔާބީއަށް ގިނަ ގައުމުތަކަކުން މަރުހަބާ ކިޔާފައިވާއިރު އިބޫގެ ކާމިޔާބީއާއެކު އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އިބޫއަށް ގުޅުއްވައި ވަނީ މަރުހަބާ ދަންނަވާފައެވެ. އޭނާ ވަނީ އިބޫ އިންޑިއާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ. އަދި ރާއްޖެއާއި އިންޑިއާއި ދެމެދު ހީނަރުވެފައިވާ ގުޅުން ބަދަހި ކުރެއްވުމުގެ މަސައްކަތް ކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އާންމު ކޮއްފައިވާއިރު އިދިކޮޅު ހުރިހާ ސިޔާސީ ބޭފުޅުންގެ ތާއީދާއި އެކު އެމްޑީޕީ އިން ނިކުންނެވި އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އިންތިޚާބު ކާމިޔާބުކޮއްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން ވަނީ އިންތިޚާބުގައި ވޯޓް ލާފައެވެ. ނަމަވެސް މިއީ މިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ދަށް އަދަދެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިިބިފައިވާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވޯޓް ލިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233877 މީހުންނެވެ. ބާތިލް ވޯޓްގެ އަދަދަކި 3129 އެވެ.