ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން، ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ ޕޫޓިންގެ އިތުރުން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

މީގެއިތުރުން އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑޯރިސް އާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޝޯކޯ ނޯޑާ ވެސް އިބޫއަށް މަރުހަބާ ވިދާޅުވެފައިވާ ކަމަަށް މާރިޔާ ވިދާޅުވި އެވެ.

މީގެކުރިން ޗައިނާ އާއި އެމެރިކާ އަދި ސައުދީ އަރަބިއްޔާ އިން ވެސް އިބޫ އަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58.4 އިންސައްތަ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު