ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޤާނޫނީ ވަކީލް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުކޮށް، ސުވާލު ކުރީ ސުޕްރީމް ކޯޓުގެ އަމުރަކަށް ފާޑުކިޔުމުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޑީޖޭއޭ އަށް ހާޒިރު ވުމަށް ފަހު ކުރި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ އޭނާ ޑީޖޭއޭ އަށް ހާޒިރު ކުރީ 12 މެންބަރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ގުޅިގެން ވީޓީވީގައި ދެއްކި ވާހަކަތަކާއި ބެހޭ ގޮތުން ސުވާލު ކުރަން ކަމަށެވެ.

އަލީ ހުސައިން ވަނީ މިދިޔަ ހަފްތާގެ ތެރޭގެ ވީޓީވީގައި ސުޕްރީމް ކޯޓުގައި ހިންގަމުންދާ މައްސަލައަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި މައްސަލަ ދިރާސާކޮށް ކޮމިޝަނުން އެ ނިންމުން ފަހުން ބާތިލްކުރުމުން މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ ދައުވާ ހުށަހެޅި ފަރާތުން ހުށަހެޅި ދައުވާ ނެތިދިއުމުން ނުވަތަ ދައުވާއަށް އިންކާރު ކުރާ ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމުން ކޯޓުން އެކަމާ ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށެވެ.

ޑީޖޭއޭ އަށް ހާޒިރުކޮށް މިއަދު އަލީ ހުސައިންގެ ބަޔާނެއް ނަގާފައި ވާއިރު އަދި އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ކަންކަމުގައި ޖޯޝުގައި ބައެއް ކުދިންނަށް ބައެއްވާހަަކަ ފޯރީގައި ދެއްކޭނެ އަދި ސުޕްރީމް ކޯޓަކީ އެ ހުރިހާކަމަކަށް ރިއާޔަތް ކުރާނެ ކޯޓް