ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ބުނާ މައްސަލައިގެ ޝަރީޢަތް މިއަދު ފަށާ، އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މިއަދު އޮތް މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުން ކަމަށާއި ވަރަށް އަވަހަށް ޙުކުމް އިއްވަން ޝަރީޢަތުގެ މަޖިލީހެއް ތާވަލް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި އަބުޅޯގެ ފަރާތުން އެދުނީ ޕީޕީއެމްގެ އަސާސީ ޤަވައިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން އޭނާ 10 ޖުލައި 2017 ގައި ޕީޕީއެމް އިން ވަކިވެފައިވާ ކަމަށް ނިންމައި ދިނުމަށެވެ.

އަދި ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި ހަތަރު މެންބަރުންގެ މައްސަލަ އަށް ރިޢާޔަތް ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދުގެ ޝަރީޢަތުގައި އެދުނީ އަބުޅޯ ޕީޕީއެމް އިން ވަކިވީ އެޕާޓީގެ ދަފްތަރުން އުނި ކުރި ދުވަސް ކަމަށް ބަލައި ދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެހެން ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ވަނީ އިލެކްޝަންސް ކޮމިޝަންގެ ސްޓޭންޑް ބަދަލުވީތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލް ވިދާޅުވީ "އާދެ. މިގޮތައް މިހާރު ނިންމާފައި ވަނީ"

އަބުޅޯ ޕީޕީއެމްގެ ދަފްތަރުން އުނިކުރީ ކޮން ދުވަހަކުތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލް ވިދާޅުވީ އޭނާ ޕީޕީއެމްގެ ދަފްތަރުން ވަކިކުރީ 30 އޮގަސްޓް 2017 ގައި ކަމަށެވެ.

ޕާޓީ އިން ވަކިވުމަށް އިލެކްޝަންސް ކޮމިޝަންގެ ޕްރޮސެސް ލާޒިމްތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލް ވިދާޅުވީ "އާދެ. ލާޒިމް" ކަމަށެވެ.

ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިހަފްތާގައި ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބުޅޯ އަށް ސުވާލު ކޮށްލައްވަބަލަ ރިޝްވަތަށް ދެމިލިއަންރުފިޔާ ނުލިބޭތޯ. 100% ޔަގީން ނުކެރޭނެ ނޫނެކޭ ބުނާކަށް