ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ އެކަޑަމިކް ބައެއް މުވައްޒަފުން ބޭނުން ކުރަމުންދާ ލެޕްޓޮޕްތައް ގެއްލިފައިވާކަމަށާއި، އެކަމުގެ ސަބަބުން މިހާރު އެ ޔުނިވާސިޓީގައި ކުރިއަށްގެންދާ އިމްތިހާނުގެ ސައްހަ ކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

އައިޔޫއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ލެޕްޓޮޕްތައް ގެއްލުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ލެޕްޓޮޕްތައް ގެއްލުނު ނަަމަވެސް، އިމްތިހާނުތަކަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އަދި އިމްތިހާނުތައް ދޭނީ ޝައްކެއް ނެތް މިންވަރަަށް އިމްތިހާނުގެ ކަންކަން ކަށަވަރުކުރުމަށްފަހު ކަމަށާއި، ދަރިިވަރުން އިމްތިހާނު ކުރުމާއި ފެންވަރު ވަޒަން ކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ޔަގީންކަން އަރުވާކަމަށްވެސް އައިޔޫއެމް އިން ބުންޏެވެ.

އައިޔޫއެމް އިން ބުނީ، އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިކަމާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ހަބަރުތައް ގެނެސްދެމުން އަންނަ ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.