އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހުވާކުރާ ދުވަހު ގދ.ތިނަދޫ އިސްލާމިކް މަރުކަޒު އިސްލާމީ ޔުނިވާސިޓީގެ ގޮތްޕެއް ކަމަށް ކަނޑައަޅާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެ ރަށުގައި ރައީސް ޔާމީންގެ ސަރުކާރުގައި ގާއިމް ކުރި އިސްލާމީ މަރުކަޒު ޕީޕީއެމްގެ ވެރިކަން އަލުން އިޔާދަވުމަށް ގޮވަމުންދާ ކަމަށެވެ. އެ އިސްލާމީ މަރުކަޒި ތިނަދޫގައި ގާއިމްކުރެވުނީ އެއީ މުޅި ހުވަދު އަތޮޅުގައި ހުންނަ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއް ކަމުގައި ހެދުމަށް ކަމަށެވެ.

ތިނަދޫގައި އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ މުހައްމަދު އަލީފް

"ރައީސް އޮފީހުން މިކަމަށްޓަކައި 2018 ވަނައަހަރުގެ މެދެއްހާތަނުގައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއެއް އިސްލާމިކް ޔުނިވާސިތީގައި އޮންނާނެ. އެ ސިޓީގައި އޮންނާނީ އިސްލާމިކް މަރުކަޒު ހަދާ ނިމުމުން އެތަނުގެ ތަޅުދަނޑިތައް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ހަވާލުކުރުމަށް. މި ސަރަހައްދުގައި ހުރި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މައި މަރުކަޒު ކަމުގައި އެތަން ހެދުމަށް ޔާމީން ވަނީ ނިންމަވާފައި. ފަސް އަހަރު ވެގެން ދިޔައީ ތިނަދޫގެ ރައްޔިތުން ވިދާޅުވެ ބައްލަވާ ކޮބައިތޯ އިސްލާމިކް މަރުކަޒުގެ މަގްސަދު. އެތަން ދަނީ ވީރާނާވަމުން." ޝަހީމް ވިދާޅުވިއެވެ.

މުއިއްޒު އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހު ތިނަދޫގެ އިސްލާމިކް ސެންޓަރު އެއީ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

ތިނަދޫގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވާހަކަދެއްކެވުން -- ފޮޓޯ މުހައްމަދު އަލީފް

"ޔާމީންގެ ވެރިކަމުގައި 53 ހެކްޓަރުގެ ބިން ތިނަދޫގައި ހިއްކި 6 ދުވަހުގެ ތެރޭގައި. އެ ބިންތަކުގެ ބޭނުން ކުރެވޭތޯ. ގޯތި ދީފައި ބުނާނެ ޝުކުރުވެރިވާށޭ ވޯޓު ދޭށޭ އެހެން ނޫނީ އަޒާބު ލިބޭނެއޭ. އެކަމު ޝުކުރުވެރިވަންޏާ ވޯޓު ދޭންވީ ކޮން ބަޔަކަށް . ބިން ހިއްކަ ފަރާތަކަށް ނޫންތޯ ވޯޓު ދޭން ޖެހޭނީ. އެ ބިން ހިއްކިފައި އޮތީމަ ނޫންތޯ ވޯޓު ލިބިވަޑައިގެންނެވީ ވެސް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ގާއިމްކުރި މިއުޒިއަށް ވެސް މިހާރު އޮތީ ވީރާނާވެފައި ކަމަށެވެ. އެ ސަރުކާރުގައި ތިނަދޫއަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ވިދާޅުވިއެވެ.

ތިނަދޫގައި އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ މުހައްމަދު އަލީފް

ތިނަދޫގައި ހުރިހާ މަޝްރޫތަކެއް ހިނގަމުން ދިޔައިރު އޭރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު ކަމަށާއި އެހެންކަމުން މިއަދު މުއިއްޒުގެ އަޕްފުޅުގައި ތިނަދޫގެ ރައްޔިތުން ހިއްޕަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވެރިކަން ކުރައްވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިޒާރު

    ގާސިމްގެ ދީލަތި އެހީއާއި އެކު މެލޭޝިޔާއަށް ކިޔަވަންގޮސް ތިބި މީހުންގެ ތެރެއިން މީހެއް ޝަހީމް އަކީވެސް. ގާސިމްގެ ގާބިލުކަމާއި ހިންގުންތެރިކަން އެއީ ރައްޔިތުންނަށް އޮޅިފައިވާ ކަމެއް ނޫނެވެ. އިނގިރޭސި އެނގިވަޑައި ނުގެއް ދުވަހުވެސް ވިޔަގާރި ހިންގެވީ ހަމަ އެންމެ ޒަމާނީ ފެންވަރުގައެވެ. އަދި ސިޔާސީ ދާއިރާއަށް ވަޑައިގެން ގައުމުގެ ލާބަޔާއި މަންފާއަށް އެކި ޕޯޓްފޯލިއޯތަކުގައި މަައުމޫން ޒަމާނުއްސުރެ އުޅުއްވައި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަޖިލީހުގެ ޒައާމަތުގައި ހުރީވެސް ގާސިމް އިބްރާހިމްއެވެ. މިރާއްޖޭގައި އެންމެ ފަރުދަކު ގައުމަށާއި އަދި އިގުތިސޯދަށް ބޮޑު ހެޔޮ ބަދަލުތަކެއް ގެނެސްދީ އައު އެތަށް ކަމަށް ތައާރަފްކުރެވީ ގާސިމް އިބްރާހިމް. މި ތިބަ ކަންކަމަކީ ކިއީ ގާބިލުކަން ނޫންކަމުގައި ވާނަމަ ގާބިލުކަމަކީ ދެން ކޮބާތޯއެވެ. މިޔަށް ކިޔަންވީ ނާގާބިލު ކަމޭތޯ.؟ ޕީއެޗްޑީ ހަދައިގެން އުތުރި އަރާފަ ތިބި މީހުންނަށް ގާސިމް ގެނެސް ދެއްވިކަންކަމާއި އަދި ހިންގުންތެރިކަމުގެ %5 ވެސް ހާސިލް ކުރެވިފަ އެބަހުރިތޯއެވެ.

    1
    4
  2. ބުނެލީ

    އައްޑޫން ބިމަށް ޝަރުތު ހަމަވާ މީހުންނަށް ވެސް ވޯޓުލުމުގެ ކުރިން ބިންދީ ރަޖިސްޓަރީ ދިނީމާ ވޯޓުއިތުރުވާނެކަން ޔަގީންވެ. އެކަމަކު އެކަން އެއީ ކައުންސިލުން ވެސް ސަރުކާރުން ވެސް ނުކުރާނެ ކަމެވެ.

  3. Anonymous

    ދިވެރިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރަން އަދާލަތު ޕާޓީ އިސްލާހު ކޮށް އަދާލަތުގެ ލީޑާޝިޕް ރަގަޅު ކޮށް އާ ލީޑާޝިޕަކަށް އެޕާޓީ ބަދަލްވާން ބޭނުންވޭ ޕާޓީގެ މެމްބަރުން، ރަގަޅު ލީޑާޝިޕަކަށް ފުރުސަތު ލިބެންޖެހޭ !