އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ފުރަތަމަ މެޗް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އަންހެން ޓީމުން ބޮޑު މޮޅަކާއި އެކު ކާމިޔާބުކޮށްފިއެވެ.

ކޮލެޖްތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ހޭންޑްބޯލް ފިއެސްޓާ ފެށުމަށް އިއްޔެ ބޭއްވި ފުރަތަމަ މެޗްގައި ބައްދަލުކުރީ އެމްއެންޔޫއާއި، ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ) ގެ އަންހެން ޓީމެވެ. އެ މެޗް 21-4 ގެ ނަތީޖާއަކުން އެމްއެންޔޫއިން ކާމިޔާބު ކުރިއިރު، އެ ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަނުންނެވެ.

އެ މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ ޖާޒީ ނަމްބަރު (8) އާމިނަތު އިބާ އިބްރާހިމެވެ. އޭނާ ވަނީ އެ މެޗްގައި ހަ ލަނޑު ޖަހާފައެވެ. ނަމަވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ އެ ޓީމުގެ ޖާޒީ ނަމްބަރު 19 ފާތިމަތު ރިސްމާއެވެ. އޭނާ ވަނީ ހަތް ލަނޑު ޖަހާފައެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 - ކްއީން އޮފްދަ މެޗް: ވަގުތު އިމޭޖްސް

"އިންޝާﷲ ތަށި ގެންދާނަން މިފަހަރުވެސް" މެޗަށްފަހު، އެމްއެންޔޫގެ ކެޕްޓަން މަރިޔަމް ނާއިޝާ މޫސާ ބުންޏެވެ.

އެޓީމުގެ އަމާޒަކީ ވާދައިގެ ތަށި ދިފާއު ކުރުމެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާގެ އަންހެން ބައިގެ ގްރޫޕް އޭގައި ހިމެނެނީ ވިލާކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި، ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމާއި މެޕްސް ކޮލެޖެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެމްއައި ކޮލެޖް ސްޓޫޑެންޓް ޔޫނިއަންއާއި، ޒިކުރާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ އިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި ކްލިކް ކޮލެޖް އެވެ.

މުބާރާތް ފެށުމަށް ގައުމީ ހޭންޑްބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީވެސް އެ މިނިސްޓްރީއެވެ.

ކޯ ސްޕޮންސަރުންނަކީ ރީޖަނަ ލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލްއެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލްއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރޭޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާއެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮލެޖްތަކުގައި އުޅޭ ނުކިޔަވާ ކުދިންނަށް މޮޅުވެވޭނީ ތިކަހަލަ ކޮންމެވެސް ކުޅިވަރަކުންނެވެ.

  2. ނާނަ

    ދިފާއު ކުރެވޭނެ.ދޮގާ މަކަރާ ހަދައިގެން ގައުމީ ޓީމް ކުލުންތެރިން އަރުވާގެން ކުޅެނީ އެމް އެން ޔޫ