ރާއްޖޭގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށް ބެޗެލާސް އޮފް ލޯކަލް ގަވާނަސް އެންޑް އެޑްމިނިސްޓްރޭޝަން ކޯހެއް ފަށަން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުވާލައިފިއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ މިކޯހަކީ ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނަށް ހާއްސަކޮށް ހުޅުވާލެވުނު ކޯހެއް ކަމަށް އިސްލާމިކް ޔުނިވާސިޓީން ވަނީ ބުނެފައެވެ.

މިކޯހަކީ ހަ ސެމިސްޓާއަށް ބަހާލައިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ބްލެންޑެޑް މޯޑްގައި ހިލޭ ކިޔަވައިދޭ ކޯހެކެވެ. މަހަކު އެއްފަހަރު ކްލާސް އޮންނަ ގޮތަށް ހަމަޖެހިފައިވާ މިކޯހުގައި ކިޔަވައިދޭނީ ތަޖުރިބާ ކާރު ބޭފުޅުން ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެހެން ކޯސްތަކެކޭ އެއްގޮތަށް މިކޯހުގައިވެސް ގިނަ މޮޑިއުލްތައް ކިޔަވައިދޭން ނިންމާފައިވެއެވެ. އެއީ:

ޕަބްލިކް ޕްރޮކިޔުމަންޓް
ރޫރަލް އެންޑް އާބަން ޑިވެލޮޕްމަންޓް
ރިސޯސް މެނޭޖްމަންޓް އެންޑް ގުޑް ގަވާނަސް
މެނޭޖްމަންޓް ކޮންސެޕްޓް
ލީޑާޝިޕް އެންޑް ސްޓްރެޖީ
ޕްރިންސިޕަލްސް އޮފް އިކޮނޮމިކްސް
ސްޓަޑީސް އޮފް ސިލެކްޓެޑް ލޯސް އޮފް މޯލްޑީވްސް
ސަސްޓެއިނަބަލް ކޮމިއުނިޓީ ޑިވެލޮޕްމަންޓް
ޕަބްލިކް ފައިނޭންސް އެންޑް އެކައުންޓަބިލިޓީ

އައިޔޫއެމް އިން ބުނީ އެފަދަ ކޯހެއް ފެށުމުގެ މަގުސަދަކީ ލޯކަލް ގަވާނަންސްގެ އުކުޅުތަކާއި ފައިސާ ބެލެހެއްޓުމާއި އިދާރީ ހިންގުމާއި އިގްތިސާދީ ތަރައްގީ އާއި ޕްރޮޖެކްޓް ބެލެހެއްޓުން އަދި ލީޑަރޝިޕާ ގުޅޭ ބައިތަކުގެ އިލްމާއި ހުނަރު ތަރައްގީކުރުން ކަމަށެވެ.

އަދި ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްގީގެ އާދަތަކާއި އާބަން އަދި ރޫރަލް ތަރައްގީއާ ގުޅޭގޮތުން އަހުލުވެރިކުރުމާއި ލޯކަލް ގަވާނަންސްގެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމާއި ދިރާސާކުރުމަށް ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ މިފަދަ ކޯހެއް އަލަށް ތައާރަފްކުރުމުގެ މައިގަނޑު އެއް މަގްސަދު ކަމަށް ބުނެފައިވެއެވެ.