ނޭޕާލް އަންހެނެކެވެ. ދިވެހިރާއްޖެ އަށް އައީ ވަޒީފާއެއް ހޯދާށެވެ. ރާއްޖޭގައި ދިރިއުޅުމުގެ ތެރޭގައި ދިވެއްސަކާއި ބައްދަލުވެ ގާތްކަން އުފެދި ކައިވެނި ކުރީއެވެ. ކައިވެންޏަށް ދަރިއަކު ލިބުނު ފަހުން ދެމަފިރިން ވަކިވެ ތުއްތު ދަރިފުޅާއި މަންމަ ބީރައްޓެހި ގައުމެއްގައި އެކަނިވެރިވީއެވެ. ކުރާ ބުރަ މަސައްކަތުން ދެކޮޅު ނުޖެހި ދަރިފުޅު ސްކޫލަށް އުފުލުމުގައި ވެސް އެންމެ ފަހުން ދަތިތައް ދިޔައީ ކުރިމަތިވަމުންނެވެ. ދަރިފުޅުގެ ބައްޕަގެ އެހީތެރިކަމެއް ނުލިބެއެވެ.

މަންމަ އާއި ކުޑަ ދަރިފުޅުގެ ވާހަކަ މީސް މީޑިއާއަށް ތިލަ ވުމުން އާންމުންގެ އެތައް ބަޔަކާއި ބޮޑެތި އެތައް ކުންފުންޏަކުން ވެސް އެދެމައިންނަށް އެހީވީއެވެ. ނުވަތަ އެހީވާން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަ ނޭޕާލް އަންހެނެއް ކަމަށްވާ ޒާރާ އާއި އޭނާގެ ދަރިފުޅުގެ ވާހަކައެވެ.

އާއިލާއެއް ރޫޅުމަށް މެދުވެރިވެދާނެ ވަރަށް ގިނަ ސަބަބުތައް ހުންނާނެެއެވެ. އާއިލާއެއް ރޫޅުނު ސަބަބު ހޯދާ ކޮންމެހެން އެމައުލޫގެ ތެރެއަށް ދިއުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އާއިލާއެއް ރޫޅުމުން ދަރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ނިޒާމް މިއޮތީ މިހާރަށް ވުރެ މާބޮޑަށް ވެސް ހަރުދަނާ ކުރަން ޖެހިފައެވެ.

ކޯޓު މެދުވެރިކޮށް ދަރިންގެ ޚަރަދު ބައްޕަގެ އަތުން ނެގި ނަމަވެސް އެއީ އެންމެ އެކަށީގެންވާ ވަރުގެ އެހީއަކަށް ނުވެއެވެ. ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް މާލޭގައި ކުޑަ ކުއްޖެއްގެ ސްކޫލަށް ބޭނުންވާ ސާމާނާއި، ކެއުމާއި، ދިރިއުޅޭނެ ތަނަކަށް ކުރަން ޖެހޭ ޚަރަދަށް ބަލާއިރު ކުއްޖެއްގެ ބޮލަކަށް ދެތިން ހާސް ރުފިޔާ ލިބިގެން ހުރިހާ ކަމެއް ހަމަޖެއްސޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ. އެހެންކަމުން ދަރިންނަށް ޚަރަދު ދިނުމުގައި މިހާރު މިއޮންނަ އުސޫލު މިވަނީ ޒަމާނީ ބަދަލަކަށް ބޭނުންވެފައެވެ.

މިއީ ހަމައެކަނި ނޭޕާލް އަންހެން މީހާގެ ވާހަކައެއް ނޫނެވެ. އެތައް މައިންނެއް އެމީހުންގެ ކައިވެނި ރޫޅުމުން ދަރިން ގޮވައިގެން ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުން އެބަގެންދެއެވެ. ކޮންމެ މީހެއްގެ ވާހަކަ މީސް މީޑީއާއަށް ނައުމަކީ މައްސަލައެއް ނޫޅޭކަމަށް ނިންމައިގެން ތިބެވިދާނެ ކަމެއް ނޫނެވެ.

މުޖުތަމަޢުގެ ތެރޭގައި އުޅޭއިރު، އަދި ބައްދަލުވާ މީހުން ދައްކާ ވާހަކަތަކަށް ބަލާއިރު މިފަދަ ހާލަތެއްގައި ދިރިއުޅުން ވޭތު ކުރަމުން ގެންދާ އެތައް ބަޔަކު މުޖުތަމަޢުގެ ތެރޭގައި އެބަތިބިކަން ކަށަވަރުވެއެވެ.

އެހީއެއް ބޭނުންވެ، ކޮންމެހެން ފުއްދަން ޖެހިފައިވާ މުހުތާދުތައް ފުއްދަން ސަލާންޖެހުން ނޫން އެހެން ހައްލެއް މިވަނީ ބޭނުން ވެފައެވެ. އެހެން މީހުންގެ އެހީތެރިކަމަށް އެދުމުގެ ބަދަލުގައި ދައުލަތުގެ ނިޒާމްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވެން އެބަޖެހެއެވެ. އެއީ ދަރިފުޅަށް ސްކޫލަށް އުފުލަން ސައިކަލެއް ގަންނަން ނުވަތަ އެހެން ކަމެއްގައި ނަމަވެސް އެހީތެރިކަން ލިބޭނެ ގޮތެއް އޮންނަން ވާނެއެވެ.

ކައިވެނި ރޫޅުމުން ދަރިފުޅަށް އެހީތެރިވުމުގައި ދިމާވާ ދަތިތަކާއި މެދު ވިސްނާ ފަދައިން ކުއްޖާގެ މަންމަ އަށް ދިމާވެދާނެ ދަތިތަކާއި މެދު ވެސް ވިސްނަން ޖެހެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިން ބިދޭސީންނާއި ކައިވެނި ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ބިދޭސީންނާއި ދިވެހިންގެ ކައިވެނިތައް ރޫޅުމުން ދެން ދިމާވާ ކަންތައްތައް ތަފާސް ހިސާބުތަކުން ފެންނާކަށް ނެތެވެ. މިފަދަ ކައިވެނިތައް ރޫޅުމުން އަނބިމީހާ އަށް، ދަރިންނަށް ކުރިމަތިވަމުންދާ ދަތިތައް މިވަނީ އިތުރަށް ބަލައި ހޯދައި، ހައްލު ކުރަން ޖެހިފައެވެ.

ޒާރާގެ ވާހަކައިގެ ތެރެއިން ދެން ފެންނަ އަނެއް ވާހަކައަކީ ކުއްޖާގެ ބެލެނިވެރިކަން ހޯދަން މަންމަ ކުރަން ޖެހުނު އުނދަގޫ ދަތުރެވެ. ކޯޓަށް މައްސަލަ ހުށަހެޅީ 2013 ވަނަ އަހަރު އެވެ. މައްސަލަ ނިމުނީ 2015 ވަނަ އަހަރު އެވެ. އާއިލީ ކުދިކުދި މައްސަލަތައް، މާގިނަ ބަޔަކު ކޯޓަށް ހާޒިރު ނުކޮށް ދާދި ފަސޭހައިން ނިންމާލެވެން ހުރި މިފަދަ މައްސަލަތައް މިހާރަށް ވުރެ މާބޮޑަށް ވެސް އަވަސް ކުރެވެން އެބަޖެހެއެވެ. މިފަދަ މައްސަލަތަކަކީ މިހާރު ހުރި ނިޒާމްތަކަށް ބަލާއިރު ވެސް އެންމެ ލަސްވެގެން ދެތިން ހަފްތާއިން ނިމެން ޖެހޭނެ މައްސަލަތަކެވެ. މިކަމާއި މެދު ޝަރުޢީ ދާއިރާ އާއި އަދި ގުޅުން ހުރި އެހެން ދާއިރާތަކުން ވިސްނަން އެބަޖެހެއެވެ.

ޒާރާ އަކީ ދިވެހި ކުއްޖެއްގެ މަންމަ އެކެވެ. ހާލަތު ނިޔާކޮށްފައިވާ ގޮތުން އޭނާ އަށް މަޖުބޫރު ވެފައި ވަނީ ރާއްޖޭގައި ދިރިއުޅޭށެވެ. އެހެންނަމަވެސް ކޮންމެ އަހަރަކު ވިސާގެ ގޮތުގައި އެތައް ފައިސާއެއް ސަރުކާރަށް ދައްކަން ޖެހެއެވެ. ދިވެހި ކުއްޖެއްގެ މަންމަ އަށް ވީތީ އޭނާ އަށް ލުއި ކޮންމެވެސް ގޮތެއް ނިޒާމްގެ ތެރެއިން އޮންނަ ނަމަ ވަރަށް ރަނގަޅު ވީސް ކަމަށް ގަބޫލު ކުރެވެއެއެވެ.

ޒާރާ އާއި އޭނާގެ ދަރިފުޅަށް އެހީވުމުގައި ދިވެހިން ވަނީ އަނެއްކާވެސް މިސާލު ދައްކާފައެވެ. ވަކިވަކި ފަރުދުން އަދި ބޮޑެތި ކުންފުނިތަކުން ދެއްކި މިސާލަށް ޝުކުރު ޙައްޤެވެ. މުޖުތަމަޢުގައި ތިބި މިފަދަ އެހީތެރިކަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެހީތެރިވުމުގައި އަބަދުވެސް ގިނަ މީހުން ދައްކައިދެމުން ގެންދަނީ ވަރަށް ރީތި މިސާލެކެވެ. އެކަން ކުރިއަށް އޮތްތަނުގައި ވެސް ތަކުރާރު ކުރަން ޖެހެއެވެ.

މީސް މީޑިއާގައި އާންމުވާ ފޮޓޯއެއް ޝެއާ ކޮށްލުމަށް ފަހު ހުރިހާ މަސައްކަތެއް ނިންމާލައިގެން ފަރުޖެއްސޭކަށް ނެތެވެ. ހަޤީޤީ މައްސަލަތަކާއި ކުރިމަތިލާ އެމައްސަލަތައް ހައްލު ކުރަން ގަދައަޅައި އެންމެން ގުޅިގެން ބުރަ މަސައްކަތް ކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    އަޅުގަނޑުގެ ދަރިފުޅަށް 12 އަހަރުވީ. އަދި ދިނީ އެނަމެ 2000 ރުފިޔާ. އެވެސް އެހެން މީިހަކާަ އިންނަން ވެގެން ދިން ލާރި.

  2. ××

    ފުލެޓް ބޭނުންވީތޯއްޗެ...