އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަލީ ވިސާމް

މާލޭގެ ޗާންދަނީ މަގުގައި ހުރި ގެއެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވެފައި ވަނީ، މައްޗަންގޯޅި ސެމިޑީލްގޭ ހަތަރު ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެގޭގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:35 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުންނާއި، ރެޑް ކްރެސެންޓުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަދި އާއްމުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަލީ ވިސާމް

އެމްއެންޑީއެފް އިން ވިދާޅުވި، 10 ބުރީގެ އެ އިމާރާތުން އަދިވެސް ދުން އަރަމުން އަންނަ ކަމަށެވެ. އަދި އެ އިމާރާތުން މީހުން ހުސްކޮށްފައިވާކަަމަށްވެސް ވިދާޅުވިއެވެ.  އެ އިމާރާތުން މީހުން ހުސްކުރަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ދުން ބޯކަމުން ރޯވެފައި ވަނީ ކިހާވަރަކަށް ކަމެއް ނޭގެއެވެ.

އެ އަލިފާނުގެ އަސަރު އެ އިމާރާތުގެ ތިން ވަނަ ފަންގިފިލާއަށްވެސް ކޮށްފައިވާކަމަށާއި، އަލިފާންގަނޑު ނިއްވުމަށް ފެންޖަހަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ވަރަށް ބޮޑަށް ދުން އަރަނީ - ވަގުތު އިމޭޖަސް: އަލީ ވިސާމް

މި ހާދިސާ ހިނގި ސަރަހައްދުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަލީ ވިސާމް

އަލިފާން ރޯވެފައި ވަނީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެ އިމާރާތުގައި ރޯވާން މެދުވެރިވި ސަބަބު އަދި އެނގިފައިނުވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި ގުދަނުގައި ހުރީ އައިސް އަލަމާރިއާއި އިލެކްޓްރޯނިކް ސާމާނުތަކުގެ އިތުރުން، ބަދިގެ ސާމާނުތައް ކަމަށެވެ.

އަދި ގުދަނުގައި ހުރި ސާމާނުތަކުގެ ސަބަބުން އެއްޗެހި ގޮވާ އަޑު އިވެމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި މަސައްކަތުގައި އުޅެމުންދިޔަ ސިފައިންގެ ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް