އަންނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ނައިޓް މާކެޓްގެ މޭޒު ދޫކުރަން ފަށާނެ ތާރީހެއްގެ ގޮތުގައި އަންނަ މަހުގެ ހަތަރެއް ކަނޑައަޅައިފިއެވެ.

ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާ ބޭއްވި ނަމަވެސް، މިފަހަރު ނައިޓް މާކެޓު އިންތިޒާމު ކުރާނީ ލިކަމެކް ކުންފުނިންނެވެ.

އެ ކުންފުނިން ބުނެފައި ވަނީ އަންނަ އަހަރުގެ ނައިޓް މާކެޓް އޮންނާނީ އެޕްރީލް މަހުގެ 18އިން 27 އަށް ކަމަށާއި، މިފަހަރު ނައިޓް މާކެޓް ބާއްވާނީ ދަރުބާރުގޭގެ އިތުރުން އެ ސަރަހައްދުގެ ކައިރީ ހިސާބުގައި ކަމަށެވެ. އޭގެ ސަބަބުން ކުރިއާ ހިލާފަށް ތަފާތު ވިޔަފާރީގެ ތަޖުރިބާއެއް ބައިވެރިވާ އެންމެނަށްވެސް ލިބޭނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ނައިޓް މާކެޓްގައި 260 ބެހެއްޓުމަށް ނިންމާފައިވާ އިރު ،އަދި އިތުރަށް 100 މޭޒެއް ބެހެއްޓުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ މަހު މޭޒުތައް ދޫކުރަން ފަށަން ނިންމާފައިވާ އިރު، މޭޒެއްގެ އަގަކީ 6،000 ރ އެވެ.

ލިކަމެކް ކުންފުނިން ނައިޓް މާކެޓު މޭޒު ދޫކުރަން ހަމަޖައްސާފައިވަނީ ޑިސެމްބަރު 4، ގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ޝީ ބިލްޑިންގް ތިންވަނަ ފަންގިފިލާގައެވެ. މޭޒު ނަގަން ދާއިރު، އައިޑީކާޑު ގެންދަން އެ ކުންފުނިން އެދެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 9409999 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.

ނައިޓް މާކެޓަކީ ޒަމާނުއްސުރެ މާލޭގައި ބާއްވަމުން އަންނަ ބޮޑު ވިޔަފާރީގެ އީދެކެވެ. އާންމުކޮށް ނައިޓް މާކެޓް މަޝްހޫރުވެފައި އޮންނަނީ ހެޔޮ އަގުގައި އެއްތަނަކުން ގިނަ މުދާތަކެއް ގަންނަން ލިބޭނެ ތަނެއްގެ ގޮތުގައެވެ.