އިންޓަރނެޓް ބޭނުން ކުރާއިރު ބޭނުންވާ ސައިޓްތަކަށް ވަނުމަށް އިންޓަރނެޓް ބްރޯޒާއެއް ބޭނުންވެއެވެ. މިހާތަނަށް ދުނިޔޭގައި މިފަދަ އެތައް ބްރޯޒާތަކެއް އުފައްދާފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއް ބްރޯޒާއަކީ ދުނިޔޭގެ މަޝްހޫރު ސާޗް އިންޖިން ގޫގަލްއިން ތައްޔާރުކޮށްފައިވާ ގޫގަލް ކްރޮމްއެވެ،

ދުނިޔޭގެ އެކި ހިސާބުތަކުގައި އެތަކެއް ބަޔަކު ބޭނުން ކުރަމުން އަންނަ ގޫގަލް ކްރޮމްއަކީ ބޭނުން ކުރަން ފަސޭހަ ބްރޯޒާއެކެވެ. މީހުންނަށް ފަސޭހަވާ ގޮތަށް އެންމެ އަވަހަށް ބަދަލު ގެންނަ ބްރޯޒާގެ ގޮތުގައި މަޝްހޫރުވެފައިވާ ގޫގަލް ކްރޮމްއަށް މިފަހަރުވެސް ބަދަލެއް ގެންނަން އުޅޭ ކަމަށް މިވަނީ އަޑުތައް ފެތުރިފައެވެ.

ގޫގަލް ޑިވެލޮޕާއިން ބުނެފައިވަނީ ގޫގަލް ކްރޮމް ބޭނުން ކުރާ ފަރާތްތަކަށް ވީހާވެސް ލުއި ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ގޫގަލް ކްރޮމްގައި ސްކްރޯލް ކުރެވޭ ގޮތަށް ޓެބްތަކެއް ތައްޔާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ގޫގަލް ކްރޮމްގައި ގިނަ ޓެބްތަކެއް ހުޅުވައިފިނަމަ ޓެބް ތަކުގެ ސައިޒް ކުޑަވެގެންދެއެވެ. އަދި ހަމައެކަނި ސައިޓްގެ ފޭވް އައިކޮން ފެންނަ ވަރަށް ޓެބް ތަކުގެ ސައިޒް ކުޑަވެގެންދެއެވެ. ގޫގަލްއިން މިނެރެން އުޅޭ ބަދަލާއިއެކު ގިނަ ޓެބްތަކެއް ހުޅުވުމުގެ ސަބަބުން ޓެބްތަކުގެ ސައިޒް ކުޑަ ވުމުގެ ބަދަލުގައި ސްކްރޯލް ކުރެވޭ ބާރ އެއް އިތުރުވެގެންދާނެއެވެ.

ގޫގަލް ކްރޮމް އަކީ 2008 ވަނަ އަހަރު އުފައްދާފައިވާ ބްރޯޒާއެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުން ކުރަމުން އަންނަ ކްރޮމްއަށް މިދިޔަ މަހުގައިވަނީ އިންޓަރފޭސްއަށް ބަދަލުތަކެއް ގެނެސްފައެވެ.