އިއްޔެ މާލެ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ މަސައްކަތުގައި މިއަދު މެންދުރުން ފެށިގެން އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު، އެ މަސައްކަތަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ފެށި މަސައްކަތެކެވެ.

އެމްއެންޑީއެފްއިން ކުރާ މަސައްކަތުގެ ތެރެއިން ގޭގެއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ނެގުމުގައި ބަލަމުންދާ މަޢުލޫމާތު ތަކުގެތެރޭގައި މުދަލަށް ލިބިފައިވާ ގެއްލުންތަކާ ކެއިންބުއިމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ކެއްކުމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ފަރުނީޗަރުތަކަށް ލިބިފައިވާ ގެއްލުންތަކާ ކަރަންޓު ސާމާނަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން އިމާރާތަށް ލިބިފައިވާ ގެއްލުންތަށް ހިމެނޭ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ މައުލޫމާތު ނެގުމުގައި އެހީތެރިކަން ފޯރުކޮށްދެނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި އެމްއެންޑީއެފްގެ ސިފައިން ވަނީ މާލޭގެ މަގުތަކުން ފެން ހިއްކުމުގައާއި ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާ ވެލިބަސްތާ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު