މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާތީ، ޢާއްމު ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ނޮވެމްބަރ މަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން އިތުރުވަމުންދާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި، އެހެން އަހަރު ތަކުގައިވެސް މިދުވަސްވަރަކީ ރޯގާތައް އިތުރުވާ ދުވަސަވަރެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ޑެންގީހުމާއި ގުޅިގެން ވޭތުވެދިޔަ ދެ ހަފްތާގައި 186 ކޭސް މި އެޖެންސީއަށް ވަނީ ރިޕޯޓް ކޮށްފައި، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ އަދަދާ އަޅާބަލާއިރު، 6 ގުނަ އިތުރު އަދަދެއް." އެޗްޕީއޭ އިން ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށާއި، މަދިރި ހެފުމުން ރައްކާތެރި ވުމަށާއި، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ޑެންގީން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އާލާވުން ހުއްޓުވުން، އެހެންކަމުން ފެންހަރުލާ ކުނި ރަށޫތެރެއަށް އުކާ ނުލުމަށާއި، މިތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް ސަމާލުކަން ދިނުން އެދެން." އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، މަދިރި އާލާވާ ތަންތަން ބަލައި، އެތަންތަން ނައްތާލުމަށާއި، މަދިރި އާލާ ނުވާނެ ގޮތްތަކަށް އަމަލު ކުރުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ޚާއްޞަކޮށް ގޭތެރެއާއި، ގޯތި ތެރޭގައި ހުންނަ މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އެ އެޖެންސީން އިލްތިމާސް ކުރައްވައެވެ.

އަދި ހަމަމިއާއެކު، މަދިރި ކޮންޓްރޯލް ކުރުމަށް ރަށްތަކުގެ މުއައްސަސާތައް ގުޅިގެން އެޗްޕީއޭގެ ލަފާގެ މަތިން ޕްރޮގްރާމްތައް ހިންގުމަށާއި، މަދިރިއަށް ފޮގް ކުރާނަމަ އެ އެޖެންސީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ.

ޑެންގީ ހުން ޖެހުމުން ލަސް ނުކުރައްވާ ފަރުވާ ހޯއްދެވުމަށާއި، ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ. ހަމަ އެގޮތަށް ޑެންގީގެ އަމާލާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެލީ

    މި ޚަބަރުގެ ފަހުބައިގަ ލިޔެވިފައި ހުރީ ވަރަށް ގޯސް ކޮށް. ޑެންގޫހުންކަން އެނގޭނީވެސް ޑޮކްޓަރަށް ދައްކާ ޓެސްޓް ވެސް ހެދާމަ

  2. Miadhu

    ޔާމީނު ބޮލަށް ކަޑާލާ އެއީ ޔާމީވެރިކަމުގައި މަދިރި އަޅާފަހުރި ބިސްތަކަކުން އުފެދުނު މަދިރިޔޭބުނޭ

  3. ކ

    ޔާﷲ އަޅަމެން ރައްކާތެރި ކުރައްވަވާށި އާމީން