ގދ. ގައްދޫގައި މިސްކިތަށް ދިޔަ އުމުރުން ދުވަސްވީ މީހަކު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިމީހާ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާ ހިނގީ އެމީހާ މަޣްރިބް ނަމާދަށް މިސްކިތަށް ދިއުމަށް ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އޭނާގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާ އާއި ގުޅޭގޮތުން "ވަގުތު"އަށް މަޢުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ، މި އެކްސިޑެންޓު ހިނގީ އެމީހާ މަގު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގޮސް އޭނާގެ ގައިގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލުގައި އެވަގުތު ދެ ޒުވާނަކު ތިބިއިރު، އެ ދެމީހުންނަށްވެސް އަނިޔާވެގެން ދަނީ ފަރުވާދެމުންނެވެ.

"ސައިކަލް ދުއްވަން އިނީ ދެ ޒުވާން ކުރިން. ދެކުދިންނަށް ވެސް އަނިޔާވި. ބޮޑަށް އަނިޔާވެފައި ވަނީ ދުވަސްވީ މީހާއަށް. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި،" ރައްޔާން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ބޮޑަށް އަނިޔާވީ އުމުރުން 80 އަހަރުގެ މީހަކަށް ކަމަށާއި، އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 17:40 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 19 އަހަރުގެ ފިރިހެނަކަށްވެސް އަނިޔާވެފައިވާއި، މި ހާދިސާގައި އަނިޔާވި 80 އަހަރުގެ މީހާއަށް ސީރިއަށް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ފުލުހުން މިހާރު ދަނީ ތަހުޤީޤުކުރަމުންނެވެ.