ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން، ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓަކު ހުށަހަޅާފައިވާ ޝަކުވާ އިތުރަށް ނުބެލުމަށް ޕްރައިމަރީގެ ޝަކުވާ ކޮމިޓީން މިއަދު ނިންމައިފި ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން ބުނީ ފުވައްމުލަކު ދެކުނު ދާއިރާގެ އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ޝަކުވާވެރިޔާއާ ދެމެދުގައިވާ ފަރަޤަކީ 24 ވޯޓުކަމުގައިވާތީ، ރީރެޖިސްޓްރޭޝަންގެ ކިތައް މައްސަލަ ޝަކުވާވެރިޔާ ހުށަހެޅިތޯ ކޮމިޓީން ބެލިބެލުމުގައި، ޝަކުވާވެރިޔާ 9 ޖަނަވަރީ 2019 ގައި ޕާޓީގެ ސަމާލުކަމަށް ގެނެސްފައިވަނީ 18 ނަމުގެ ރީރެޖިސްޓްރޭޝަން މައްސަލަކަމުގައި ވެފައި، މި 18 މައްސަލަވެސް ޝަކުވާވެރިޔާ އެދުނުގޮތަށް ޕާޓީން ޙައްލުކޮށްދީފައިވާތީ، އިތުރު 37 މީހެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ އެބަހުރިކަމަށް ކުރާ އިލްޒާމް ބަލައި ގަނެވެން ނެތްކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ވޯޓުލުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިހާބުން ބަލިވެވަޑައިގެންނެވި މިހާރުގެ މެންބަރު އަލީ ނިޒާރު ހުށަހެޅުއްވި މައްސަލަ ނުބެލުމަށް ވެސް އެމްޑީޕީ އިން އިއްޔެ ވަނީ ނިންމާފައެވެ.

ނަމަވެސް ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ފަރަގު ކުޑަ ކަމުން އެ ފޮށިތައް އަލުން ގުނުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅިގެން ގިނަ ޝަކުވާތަކެއް ބައެއް އާއްމު މެންބަރުން ގެންދަނީ ކުރަމުންނެވެ.