ގދ. ގައްދޫގައި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕަކާއި، އެރަށުގައި އަލަށް އިމާރާތްކޮށްފައިވާ ”މަސްޖިދުލް އަމީން“ މިސްކިތް ހުޅުއްވައިދެއްވައިފައެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަރުކަޒާއި، މިސްކިތް ހުޅުވާދެއްވީ ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމުއެވެ.

ގައްދޫގައި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހުޅުވާދެއްވުމަށްފަހު ނައިބް ރައީސް ފައިސަލް ވަނީ މިފަދަ މަރުކަޒެއް ހުޅުވިގެން ދިއުމުން އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި، ފަރުވާތެރިކަމާއެކު ހިއްޕެވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ނައިބް ރައީސް ވިދާޅުވީ، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްޤީ ގެންނެވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެ ގިނަގުނަ މަސައްކަތްތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ،

އިތުރަށް ފައިސަލް ނަސީމް ވިދާޅުވީ، ޤައުމު ތަރައްޤީ ކުރުމުގައި ހަމަޖެހުމުގެ އައްސޭރިއަކަށް ވާސިލު ކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލައިގެން، އަތު ގުޅާލައިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި، ޤައުމެއް ތަރައްޤީވެ، ކުރިއަރައިދާނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަންވެސް ފައިސަލް ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ނައިބު ރައީސް ގައްދޫއަށް ވަޑައިގެންނެވުމުން ގައްދޫގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.