އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަތަރު ދާއިރާއަކަށް ކުރިމަތިލާން ނިންމައި ޑީއާރުޕީއިން ޕީޕީއެމް އާއި ޕީއެންސީ އާއިއެކު ކޯލިޝަން ހަދަން ނިންމައިފިއެެވެ.

ޑީއާރުޕީން ނެރުނު ނޫސްބަޔާނެއްގައިވަނީ އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ހަތަރު ފަރާތެއް ހަތަރު ދާއީރާއަކަށް ކުރިމަތިލުމަށް ޕާޓީގެ 190 ވަނަ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލާ ފަރާތްތަކަކީ ކާށިދޫ ދާއިރާ އަށް ނިކުންނަވާ އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހެންވޭރު ދެކުނު ދާއިރާއަށް ނިކުންނަވާ މުހައްމަދު ފިޝާވީން ސަލީމް, ގަލޮޅު އިތުރު ދާއިރާއަށް ނިކުންނަވާ ޑރ.މުހައްމަދު ޝާފިއީ, އަދި މައްޗަަން ގޯޅި މެދު ދާއިރާއަށް ނިކުންނަވާ އަހުމަދު ޝާން އެވެ.

އެ ޕާޓީން ބުނިގޮތުގައި މި ބޭފުޅުންގެ ތެރެއިން ކާށިދޫ ދާއިރާ އަށް ނިކުންނަވާ އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދާއި ހެންވޭރު ދެކުނު ދާއިރާއަށް ނިކުންނަވާ މުހައްމަދު ފިޝާވީން ސަލީމް އަށް ޕީޕީއެމް އާއި ރައީސް ޔާމީންގެ ތާއީދު މިދިޔަ ޑިސެންބަރު މަހު ލިބިފައިވާ ކަމަށާއި އަދި އަނެއް ދެ ބޭފުޅުންނަށް ޕީޕީއެމް އާއި ޕީއެންސީގެ ތާއީދު ހޯދުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.