ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހު 25 ގައި ފަށަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޝްވަރާކުރެއްވުމަށް ޖަލްސާތައް 25 ފެބްރުއަރީގައި ބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައިވާއިރު ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ތިން ދައުރަކަށް އެކުލެވޭ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށިގެންދާނީ 19 ވަނަ ރައްޔިތުން މަޖިލީހާ އެކުއެވެ.

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައްވަން ތާވަލްކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ދައުރުގެ ޖަލްސާތައް ނިމުމާ އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިމުން އަންނާނެއެވެ.

ޖަލްސާތައް މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ އިރު މަޖިލީހުގެ އިންތިހާބާ ގުޅޭ ބައެއް ބިލްތައް ވެސް މަޖިލީހުގައި އެބަ ހުއްޓެވެ. އޭގެ އިތުރުން ދެ ވަޒީރަކާ ސުވާލުކުރުމަށް ވެސް މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ. އެއީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުއާއެވެ.

އަދި ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް މަޖިލީހުގައި ވާދަނުކުރެވޭ ގޮތަށް އޮތް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހު ވެސް މަޖިލީހުގައި އެބައޮތެވެ.